Last Updated: May 15, 13:56
Thursday, May 15, 2025
ޚަބަރު

ކޮވިޑްގެ ހާލަތުގައި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން: ޖަނާހް

މުހައްމަދު އަލީ ޖަނާހް-- ފޮޓޯ: އޭއެންއައި

ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެ ސަލާމަތްކޮށްދިނީ އިންޑިއާއިން ކަމަށް ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "އޭއެންއައި" އަށް ދެއްވި އިންޓަވިއުއެއްގައި ޖަނާހް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ދަތިއުނދަގޫ ހާލަތުގައި ހަ ލައްކައާ ގާތްކުރާ އަދަދަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަމަށާއި، އޭގެތެރެއިން ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއާއި އިންޑިއާއިން ކަމަށެވެ.

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިން އައުން މަދުވެފައިވީނަމަވެސް އަނެއްކާވެސް އެ ފިޔަވަޅުތަކަށް ލުއި ދީފައިވާކަން ފާހަގަކޮށް ޖަނާހް ވިދާޅުވީ، އުންމީދަކީ އިންޑިއާގެ ފަތުރުވެރިން އަންނަ ވަރު އަނެއްކާވެސް އިތުރުވުންކަމަށެވެ. އަދި ރަޝީޔާގެ ފަތުރުވެރިންނަށްވެއް އިންޑިއާގެ ފަތުރުވެރިން އަންނަ ވަރު އިތުރުވާނެކަމަސް އުންމީދުކުރާކަމަށެވެ.

"މިދަތި ހާލަތުގައި ރާއްޖެ ސަލާމަތްކުރީ އިންޑިއާ އާ ރަޝިޔާއިން." ޖަނާހް ވިދާޅުވިއެވެ.

މީގެ އިތުރުން އޭއެންއައި އާ ވާހަކަ ދައްކަވަމުން ޖަނާހް ވިދާޅުވީ، މިވަގުތަކީ އިންޑިއާގެ ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތުކަމަށާއި، އަދި އެގޮތަށް ގުޅިގެން ކުރެވޭ މަސައްކަތުން ވިޔަފާރިތަކަށް ކުރިހޯދޭނެކަމަށެވެ.

"އިންޑިއާ އާ ރާއްޖެއާ ދެމެދު މިއޮތީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމެއް. އެ ގުޅުމުގެ ބޭނުންހިފަންވީ ވަގުތަކީ މިއީ." ޖަނާހް ވިދާޅުވިއެވެ.

ޖަނާހް އިންޑިއާއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން ވިދާޅުވީ، މި ދަތުރަކީ އިންޑިއާއިން އިންވެސްޓްކުރާނެ ޕާޓްނަރުން ހޯދުމަށް ކުރާދަތުރެއް ކަމަށާއި، އަދި މިއީ އިންޑިއާގެ ވިޔަފާރިވެރިންނާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރަންވީ ވަގުތުކަމަށެވެ.