Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

އަސްލަމާއި މެދު އެމްޑީޕީން ކަންކުރި ގޮތް މޫސަ ހަނދާންކޮށްދީފި

ފޮޓޯ: ސަން

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މެދު ކަންކުރިގޮތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގައި، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑުކިޔާތީ އެކަމުގެ ކަންބޮޑުވުން އަސްލަމް ފާޅުކުރެއްވުމުން ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަސްލަމަށް ފާޑުކިޔަމުން އަންނައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާ މަޖިލިސް މެމްބަރުން އަންނަނީ އަސްލަމްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

މިކަމުގެ ތެރެއިން މޫސަ ކުރެއްވި ޓްވީޓުގައި ވަނީ، މީހަކު ކެތްތެރިވެ ޤުރުބާންވެގެން ކަމެއްކުރާނަމަ އެކަމެއް އަސްލަމް ކޮށްފައިވާކަމަށެވެ.

އެގޮތުން އަސްލަމަށް ރައީސުލްޖުމްހުރިއްޔާގެ ނައިބުކަމާއި، ޕާޓީގެ ނައިބުރައީސްކަމާއި، މަޖިލީހުގެ ރައީސް ކަމާއި، ޕީޖީ ލީޑަރުކަން ދޭނެކަމަށްބުނެ ކުރިމަތި ލެއްވުމަސްފަހު ފެއިލް ކުރުވާފައިވާކަމަށެވެ.

މޫސަ ތުހުމަތު ކުރެއްވި ގޮތުގައި އަސްލަމް މަގާމުތަކަށް ކުރިމަތި ލެއްވުމުން އޭނާ ފެއިލް ކޮށްލާފައިވަނީ އެމްޑީޕީގެ "ވިރާސީ ވިންގުން"ނެވެ. އެއީ ރައިސް ނަޝީދަށް ނިސްބަތްކޮށް މޫސަ ވިދާޅުވި އެއްޗެއްކަމަށް ބެލެވެއެވެ.

އަދި މޫސަ ވަނީ އަސްލަމާމެދު އަމަލުކުރަން އުޅޭ ގޮތަކާ މެދު ސުވާލު އުފައްދަވާފައެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަމުގައި މިހާތަނަށްވެސް އަސްލަމް ފެނިގެން ގޮސްފައިވަނީ ސައިލެންޓްކޮށް ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ރައިސް ނަޝީދަށް ދިން ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލިމެންޓަރީ އިންކުއަރީ ކުރިއަށް ގެންދިއުމުގައިވެސް އަސްލަމް އަމަލުކުރައްވާފައިވާގޮތަށް ގިނަ ބަޔަކު ތައުރީފް ކޮށްފައިވެއެވެ.