Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިންޑިއާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޝާހިދު މާލެއަށް

އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރް އާ ބައްދަލުކުރައްވާފައިވެއެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް އިންޑިއާ އިން ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ރާއްޖެ އިންތިހާބު ކުރުމަށް އިންޑިއާ އިން ދިން އެހީތެރިކަމަށް ޝުކުރު އަދާކޮށް އެމަނިކުފާނުގެ ތަސައްވުރު މޯދީ އާއި ހިއްސާކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ) ހިންގުމާއި ގުޅޭ އެއްބަސްވުމެއްގައި މި ދަތުރުގެ ތެރެއިން ސޮއިކޮށްފައިވާއިރު އިންޑިއާގެ ހައިކޮމިޝަނުން ބުނީ މި އެމް.އޯ.ޔޫގެ ދަށުން ރާއްޖޭގެ އެކި ރަށު އަދި ސިޓީ ކައުންސިލްތަކުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 9 ނުވަތަ 10 ހައި-އިމްޕެކްޓް މަޝްރޫއުއަށް އިތުރު 70 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.

ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.