Last Updated: April 25, 21:20
Thursday, April 25, 2024
ކުޅިވަރު

ސޯލްޝެއާ ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ޔުނައިޓެޑާއެކު ސޯލްޝެއާ މީގެކުރިން ހެދި އެއްބަސްވުން އަންނަ އަހަރު ހަމަވާ ގޮތަށް އޮތް ނަމަވެސް އާ އެއްބަސްވުމާއެކު އޭނާ އެ ކްލަބުގައި 2024 ގެ ނިޔަލަށް މަޑުކުރާނެއެވެ.

އުމުރުން 48 އަހަރުގެ ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ޔުނައިޓެޑުން މިދިޔަ ސީޒަނުގައި ލީގުގެ ދެވަނަ ހޯދިއިރު އެޓީމު ވަނީ ޔޫރޮޕާ ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. ނަމަވެސް ފައިނަލްގައި ޔުނައިޓެޑް ވަނީ ވިޔަރެއާލް އަތުން ބަލިވެފައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޔުނައިޓެޑްގައި 11 އަހަރު ހޭދަކުރި ސޯލްޝެއާ ބުނީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރެވުމުން އެކަމާ އުފާވާ ކަމަށާއި އެ ކްލަބާއި މެދު އޭނާ ދެކޭގޮތް އެންމެންނަށް ވެސް އިނގޭނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ ޔުނައިޓެޑަށް ވަރަށް ވެސް ޝައުގުވެރި ދުވަސްތަކެއް ކަމަށާއި އެގޮތުން ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާއެކު ކާމިޔާބަށް ފެންބޮވައިގެންފައިވާ ޓީމެއް ބިނާކުރެވިފައިވާ ކަމަށް ސޯލްޝެއާ ބުންޏެވެ.

މީގެއިތުރުން ޔުނައިޓެޑަކީ ބޮޑެތި ތަށިތައް ހޯދަން އަބަދުވެސް ބޭނުންވާ ޓީމެއްކަން ފާހަގަކުރަމުން ސޯލްޝެއާ ވަނީ ފާއިތުވި ސީޒަންތަކުގައި ޓީމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށްވެސް ބުނެފައެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ޔުނައިޓެޑުން ދާދިފަހުން ވަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ޖޭޑަން ސަންޗޯ ގެނެސްފައެވެ. އަދި ޔުނައިޓެޑުން އަންނަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.