ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓް ގައި ހުރި ރިކޮމެންޑޭޝަންތަކާއި ގުޅިގެން ފުލުހުންގެ އިދާރާއިން ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، ހަރުކަށި ފިކުރުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ހާއްސަކޮށް ޖިނާއީ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅާ މިފަދަ ހަމަލާތައް ހުއްޓުވުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް މިހާރުވެސް ފެށިފައިވާކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ރެކޮމެންޑޭޝަންތަކާއި ގުޅިގެން ފުލުހުންގެ އިދާރާއާ ފުލުހުންގެ ހިދުމަތުގެ މަސައްކަތާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް މިހާރުވެސް ކުރަން ފެށިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
"ވަކިން ހާއްސަކޮށް ފުލުހުންގެ ހިދުމަތުގެ ތެރޭގައި ތަހުގީގާ، އޮޕަރޭޝަންސްއާ، އިންޓެލިޖެންސާ އިންޓެގްރޭޓް ކުރެވިގެން ހަރުކަށި ފިކުރަށް ފިޔަވަޅު އެޅުމަށްޓަކައި އިތުރު ހަރުދަނާކަން ގެނައުމަށް މަސައްކަތްތަކެއް ކުރަން މިހާރު ވަނި ފެށިފައި." ސީޕީ ހަމީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބެލުމަށް މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދިޔަ ޕާލިމެންޓަރީ އިންކުއަރީގެ ރިޕޯޓްގައި ވަނީ 46 ރެކަމެންޑޭޝަނެއް ހުށަހަޅާފައެވެ. މީގެތެރޭގައި ނަޝީދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމާ ގުޅޭ ހުށަހެޅުންތަކެއް ވެސް ހިމެނެއެވެ.