Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ހަމަލާދިން ބައެއް މީހުން އިއުތިރާފްގެ އެއްބަސްވުން ހަދަން ބޭނުންވޭ: ޕީޖީ

ރައީސް ނަޝީދަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ، ފޮޓޯ: އާޒިފު

މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ދިނުމުގައި އުޅުނު ބައެއް މީހުން އިއުތިރާފްގެ އެއްބަސްވުން ހަދަންބޭނުންވާކަން ހާމަކޮށްފައިވާކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހަމަލާދިން ބައެއް މީހުން އިއުތިރާފްގެ އެއްބަސްވުން ހެދުމުގެ ވާހަކަ ދައްކަމުން ދިޔަނަމަވެސް އެކަމާ މެދު އަދި ގޮތެއް ނުނިންމާކަމަށެވެ.

ހަމަލާގައި ހިމެނޭ ދެ މީހަކު އިއުތިރާފްގެ އެއްބަސްވުން ހެދުމަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ބަލާނެކަމަށާއި، އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއް ލިބޭތޯ ބަލާނެކަމަށެވެ.

އަދި އިއުތިރާފްގެ އެއްބަސްވުން ހެދުމާމެދު ގޮތެއް ނިންމުމަށްފަހު އެކަން ހިއްސާކުރާނެކަމަށް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިނީ ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ބައެއްކަމަށް ފުލުހުން ބުނެފައިވާއިރު، ޕީޖީ ޝަމީމް ވިދާޅުވީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ އަންނަމަހުގެ 4 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގެ ލިއުންތައް ކޯޓަށް ހުށައަޅަންޖެހޭ ކަމަށާއި އެ ލިއުންތައް ކޯޓަށް ހުށައަޅާތާ 5 ދުވަހުގެ ތެރޭގައި ދައުވާ ލިބޭ މީހުންނަށް ދޭންޖެހޭކަމަށެވެ. އަދި ޤާނޫނުގައި ބުނާ މުއްދަތަށް ބަލައިގެން ޝަރީއަތް ކުރިއަށްގެންދާނަމަ، އުއްމީދަކީ 3 މަހެއްހާ ދުވަހުގެ ތެރޭގައި ޝަރީއަތްތައް ނިންމާލުން ކަމަށް ޝަމީމް ވިދާޅުވިއެވެ.