Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ބޮމުގެ ހަމަލާގައި ހިމެނޭ އިތުރު މީހުންގެ ވަނަވަރު އާންމުކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން--

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިތިބި އިތުރު މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން އާންމު ކޮށްފައިވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިތުރު ހަ މީހުންގެ މައުލޫމާތެވެ. 

އެގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ މީހުންނަކީ، ނ. މަނަދޫ / ނޫރީގެ އަލީ ހައިޝަމް، ކ. މާލެ / ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި / ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް / އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ / ބަހާރުގެ އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި / އަލަނާސިގެ މުހައްމަދު ތަސްލީމެވެެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.

މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްކަމަށް ސީޕީ ވިދާޅުވިއެވެ.

އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.

މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.