Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނަޝީދަށް ދިން ހަމަލާ ސަރުކާރުން ސީރިއަސްކޮށް ނެގިކަން ޔަގީންވޭ: މަހުލޫފް

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ ސަރުކާރާއި ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ސީރިއަސްކޮށް ނެންގެވިކަން ޔަގީންވާކަމަށް ސަސްޕެންޑް ކޮށްފައިހުރި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ބޮމުގެ ހަމަލާގެ މައްސަލައިގައި ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅުވާ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ތަހުގީގަކީ ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއްކަމަށެވެ.

އަދި އެކަމުން ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވެފައިވަނީ އަނިޔާވެރި ހަރުކަށިފިކުރު ނައްތާލަންޖެހޭ ކަމަށާއި، އެކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކުކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއވްި ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ތައުރީފް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. އެގޮތުން ހަމަލާއަށް ބަޔަކު ފަންޑް ކުރި ކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.