Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

އިތުރު ހަމަލާއެއް ދިނުމުގެ ކުރިން އެކަން އެނގޭނެކަމުގެ ޔަގީންކަމެއް ނެތް: މޫސާ ސިރާޖު

އިތުރު ހަމަލާއެއް ދިނުމުގެ ކުރިން އެކަން ސަލާމަތީ ހިދުމަތްތަކަށް އެނގޭނެކަމުގެ ޔަގީންކަމެއް މިހާރު ނެތްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ރޭ ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ފުލުހުން ވަނީ ބޮމުގެ ހަމަލާދިން މީހުން ސައިކަލުގައި ބޮން ހަރުކުރަން އުޅުނީ އާންމުތަކެއްގައިކަން ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން މޫސާ ސިރާޖު ކުރި ޓްވީޓްގައި ބުނެފައިވަނީ، ރައީސް ނަޝީދަށް ހަމަލާދިނުމަށް އެއް ސައިކަލެއްގައި ބޮމެއް ދެ ފަހަރު ހަރުކޮށް، އަދި އޭގެތެރެއިން އެއްފަހަރު ބޮން ހަރުކުރިީ އާންމުންގެ ތެރޭގައި ފޮރުވުމެއްނެތި ފާޅުގައިކަމަށެވެ.

"މިވަރުންވެސް ސަލާމަތީ ހިދުމަތްތަކަށް ރޭކާނުލާ. މާދަމާ ގޮއްވާލާނީ ކޮންތަނެއް، ކާކުކަމެއް އަދި ގޮއްވާލުމުގެ ކުރިން ރޭކާލާނެ ކަމުގެ އެއްވެސް ޔަގީންކަމެއް މިހާރު ނެތް." މޫސާ ސިރާޖްގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ތައުރީފް ކުރަމުން އަންނައިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ބައެއް ކަންކަމާއި ގުޅޭގޮތުން ސުވާލު އުފައްދަމުންނެވެ. އެގޮތުން ހަމަލާއަށް ބަޔަކު ފަންޑް ކުރި ކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފައިވާތީ އެކަމާއި މެދު ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.