Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޝިލްޕާގެ ފިރިމީހާ ރާޖްގެ ކޮމްޕެނީ މުވައްޒަފުން އޭނާއާއި ދެކޮޅަށް ހެކިދެނީ

ބަރަހަނާ ފިލްމު އުފައްދާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި އިންޑިއާގެ ކްރައިމް ބްރާންޗުން ހައްޔަރު ކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދްރާއާއި ދެކޮޅަށް އޭނާގެ ކުންފުނީގެ މުވައްޒަފުން ހެކިދޭން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގާ ރާޖް ހައްޔަރު ކޮށްފައިވަނީ ޖުލައިމަހުގެ 19 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހުށަހެޅުމުން ޖުލައި 23ގެނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ތަހުގީގް ކުރިޔަށް ގެންދިޔުމަށް ވަނީ އަމުރުދީފައެވެ. އަދި 23 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން މުއްދަތު ވަނީ 27 ޖުލައި އާއި ހަމަޔަށް އިތުރު ކޮށްފައެވެ.

ރާޖް ކުންދްރާގެ ވަކީލް ސުބާޝް ޖާދަވް ވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ. އޭނާ ވަނީ ގާނޫނާއި ޚިލާފަށް ރާޖް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ވީޑިއޯތަކުގެ ތެރޭގައި ބަރަހަނާ ފިލްމެކޭ ބުނެވޭފަދަ އެއްވެސް ވީޑިއޯ އެއް ނުވާ ކަމަށެވެ.

ކްރައިމް ބްރާންޗްގެ ފުލުހުން ވަނީ ރާޖްގެ މައްޗަށް 4000 ސަފްހާގެ ޗާޖްޝީޓް ފައިލް ކޮށްފައެވެ. ފުލުހުން ވަނީ 23 ޖުލައިގާ ޝިލްޕާ އަދި ރާޖް ދިރިއުޅެމުންދާ ގެ ބަލާ ފާސްކޯށްފައެވެ.

މި މައްސަލައިގާ ޝިލްޕާއާއި ވެސް ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. އެހެން ނަމަވެސް އެ ވިޔަފާރީގައި އޭނާގެ އެއްވެސް އަތެއް ނުވާނެ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ.

ބަރަހަނާ ފިލްމުތަކުގެ ވިޔަފާރި ކޮށްފައިވަނީ ވިއާން އިންޑަސްޓްރީގެ ދަށުން ކަމަށް ވުމާއިއެކު އެ ވިޔަފާރިން އެއްވެސް ފައިދާއެއް ޝިލްޕާއަށް ކޮށްފައިވޭތޯ ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ޝިލްޕާގެ އެކައުންޓްތައް ވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ޑިރެކްޓަރެއްގެ މަގާމުގައި ޝިލްޕާ ޚިދުމަތް ކޮށްފައިވާ މުއްދަތު ވެސް ބެލުމުގެ މަސައްކަތް އެމީހުން ދަނީ ކުރަމުންނެވެ.

މީގެ ކުރިން ކްރައިމް ބްރާންޗުން ވަނީ ވިއާން އިންޑަސްޓްރީގެ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ވެސް ޗެކް ކޮށްފައެވެ. މުހިއްމު ޑޭޓާތަކެއް އެތަނުގެ ސާވަރއިން ޑިލީޓް ކޮށްފައިވުމާއެކު އެކަން ކުރި ފަރާތެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފޮހެލާފައިވާ ޑޭޓާތައް އަނބުރާ ގެނެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މުމްބާއީގެ ފުލުހުން ވަނީ ރާޖްއަކީ މި ފަހަރު ފުލުހުން ހޯދި ބަރަހަނާ ފިލްމުގެ ވިޔަފާރިކުރާ ކަމަށް ބެލެވޭ ވިއުގައިގެ މައި ތަޅުދަނޑި ކަމަށް ބުނެފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ރާޖް މި ވިޔަފާރި ކުރަމުން ގޮސްފައިވަނީ އެޕަލް އަދި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނަ "ހޮޓްސްޕޮޓް" ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ.

ރާޖް ބުނެފައިވަނީ އޭނާ ވަނީ 2019 ވަނަ އަހަރު 25000 ޑޮލަރަށް އެ އެޕްލިކޭޝަން ވިއްކާފައި ކަމަށެވެ. އެހެން ނަމަވެސް ކްރައިމް ބްރާންޗުން ބުނެފައިވާ ގޮތުގައި ރާޖްއަދި ޔޫކޭގައި ހުންނަ އޭނާގެ ޅިއަނަކު އެ އެޕްލިކޭޝަންގައި އެކުގައި މަސައްކަތް ކޮށްފައިވެއެވެ. މި ވިޔަފާރީގައި ރާޖްއަށް އާއިލާގެ ފަރާތުން އެންމެ ބޮޑަށް އެހީތެރިވެ ދީފައިވަނީ އޭނާގެ ޅިއަނު ޕްރަދީޕް ބަކްޝީއެވެ.

ރާޖްގެ ދައްތަގެ ފިރިމީހާއަކީ ލަންޑަންގެ ކެންރިން ލިމިޓެޑްގެ ޗެއާމަންއެވެ. އަދި ރާޖްއަކީ ވިއާން އިންޑަސްޓްރީޒް ލިމިޓެޑްގެ ވެރިޔާއެވެ. މި ހޮޓްސްޕޮޓް އެޕްލިކޭޝަނަކީ މި ދެ ކުންފުނިން ބައިވެގެން އުފެއްދި އެޕްލިކޭޝަނެކެވެ.

މި މައްސަލައިގެ ސަބަބުން ޝިލްޕާ މި ވަގުތު ޖަޖުކަން ކުރަމުންދާ ސުޕަރ ޑާންސާގެ ޝޫޓިންގ ތަކަށް ދިޔުން ވެސް އޭނާ ވަނީ މަޑުޖައްސާލާފައެވެ. އަދި ޖަޖުކަމުގެ މަގާމުން އޭނާ ވަކިކުރަން އުޅޭ ކަހަލަ ވާހަކަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.