Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

މިނިވަން ދުވަސް އައިއިރު މިތިބީ ބިރުވެރިކަމުގައި: އާދަމް ޝަރީފް

މިނިވަން ދުވަސް އައިއިރު މިތިބީ ބިރުވެރިކަމުގައި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މިނިވަން ދުވަހާއި ގުޅުވައި އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ގުޅިގެން އުފެދުނު ބިރުވެރިކަން މާބޮޑު ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަމެއް ސަރުކާރުން ނުދެއްވީތީ ކަންބޮޑުވޭ" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުالله ރިޔާޒް ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ރޭވީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށާއި އެއާއެކު އެމަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް އަމިއްލައަށް ނިންމައިގެން ކަމަށެވެ.

އަދި މި ހަމަލާ ދިނުމުގައި ހަރަކާތްތެރިވި މީހުންނަކީ އައިއެސް ފިކުރަށް ތާއީދުކުރާ މީހުން ކަމަށް ރިޔާޒު ވިދާޅުވިއެވެ. އެގޮތުން އެމީހުން ދިވެހި ދައުލަތް ގަބޫލުނުކުރާ ކަމަށާއި އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހަމަލާ ދިނުމުގައި ބައިވެރިވި އަދުހަމް ހުރީ ޖާނުން ފިދާވެގެން ވެސް ނަޝީދުގެ ފުރާނަ ދުއްވާލަން ތައްޔާރަށް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.