Last Updated: April 18, 21:24
Thursday, April 18, 2024
ޚަބަރު

އޮގަސްޓް 10ން ފެށިގެން އުމުރާ ކުރުމަށް ހުޅުވާލަނީ

ޢުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން އެފުރުސަތު ދޭން ސައުދީ އަރަބިއްޔާ އިން ނިންމައިފިއެވެ.

ސައުދީގައި އުޅޭ ރައްޔިތުންނަށް މިހާރު އުމުރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ އެގައުމުން ވަނީ ދީފައެވެ. މީގެ އިތުރުން ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އޮގަސްޓު 10 ވަނަ ދުވަހުން ފެށިގެން ދޭން ސައުދީން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރާގެ އަޅުކަން ކުރުމަށް އަލުން ހުޅުވާލާފައިވަނީ ބައެއް ފިޔަވަޅު ތަކާއިއެކުގައެވެ. އެގޮތުން އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، މިސްރު، ތުރުކީ އަދި އަރޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން ސައުތު އެފްރިކާ އާއި ލެބަނޫނުން ސައުދީއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެހެން ގައުމެއްގައި 14 ދުވަސް ހަމަކޮށްފައި ނޫނީ ސައުދީއަށް ދަތުރުނުކުރެވޭނެއެވެ. ޢުމްރާގެ އަޅުކަން ކުރުމަށް އެގައުމު ހުޅުވާލަން ސައުދީން ނިންމާފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

މީގެ އިތުރުން ޢުމްރާގެ އަޅުކަން އަދާކުރުމުގެ ހުއްދަ ސައުދީން ދިނުމަށް ހަމަޖެހިފައިވަނީ ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ޗައިނާގެ ކުންފުނިތަކުން އުފައްދާފައިވާ ވެކްސިނެއް ޖަހާފައިވާ މީހެއް ނަމަ، ޢުމްރާއަށް ސައުދީއަށް ދެވޭނީ، ފައިޒަރ، މޮޑާނާ އަދި އެސްޓްރަޒެނެކާ ނުވަތަ ޖޯންސަން އެންޑް ޖޯންސަންގެ ބޫސްޓަރ ޝޮޓެއް ޖަހައިގެންނެވެ.

މިއަހަރު ހައްޖު އަޅުކަން ކުރުމުގައި ބައިވެރިވި އެއްވެސް މީހެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެން އަހަރު ތަކާއި ޚިލާފަށް ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ.