Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޑީއާރުޕީގެ ކަތުރުފަނި އެމްޑީޕީގައި އަޅައިފި: މަލީހު

ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ޤަބޫލުކުރައްވަންޖެހޭ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ޓެރަރިސްޓުން ހައްޔަރުކުރަން ކުއްލި ނުރައްކާ އިއުލާން ކުރުމަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެކޮޅު ހެއްދެވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން މަލީހު ވިދާޅުވީ ޑީއާރުޕީގެ ކަތުރުފަނި މާބޮޑުކޮށްވެސް އެމްޑީޕީގައި އަޅައިފިކަން ނަޝީދު ގަބޫލުކުރައްވަންޖެހޭ ކަމަށާއި އެމްޑީޕީގެ އެތެރެ ކޮއިލުގައި މިހާރު ގިނައީ އެހެން ފިކުރުގެ މީހުން ކަމަށެވެ.

"އެއީ އޮޕޯޗުނިސްޓުން. ދައްކަވަން ހުރިތަނެއް ދައްކަވާނެ. މާބޮޑަށް ލަސްވީ. ކުއީން ހޯއްދަވާ." މަލީހް ވިދާޅުވިއެވެ.

ނަޝީދު ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލް ދެއްވި މައުލޫމާތުގެ އަލީގައި، ސަރުކާރު އަމަލު ކުރަންވީ ގޮތް ކަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކާ އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް އެމްޑީޕީން އިގުރާރުވާ ކަމަށް ނަޝީދުގެ އެ ގަރާރުގައި ބުނެފައިވެއެވެ. އެ ގަރާރު ވަނީ 39 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.

އެމްޑީޕީން މިފަދަ ގަރާރެއް ފާސްކުރިއިރު ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަންޏެވެ. އެގޮތުން ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާޒިމް ވަނީ ގަރާރުން ކުއްލި ނުރައްކާ އިއުލާން ކުރުމުގެ ބައި އުނިކުރަން ވެސް ހުށަހަޅާފައެވެ. ނަމަވެސް އާޒިމްގެ އެ ހުށަހެޅުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.