ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކާބަފައިން ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭކަމަށް އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެއް މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން އިސްކުރާ ރައްޔިތަކު ދިރިއުޅޭ ގައުމެއްކަމަށެވެ.
މޭޔަރު ވިދާޅުވީ ދިވެހިރާއްޖެ މިނިވަންކަންމަތީ އަދުގެ ޖީލާއި ހަމައަށް ގެނެސްދިނުމަށް ކާބަފައިން ކޮށްދެއްވި މިންނެއް މަސައްކަތުގެ އަގު ވަޒަންކުރުމަކީ ދިވެހިންގެ މައްޗަށް ލާޒިމުކަމެއް ކަމުގައި ދެކޭކަމަށެވެ.
"ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ދިވެހި ސަރުކާރަށް އަދި ވަކިން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް، ވަރަށް ހާއްސަ ޝުކުރެއް އަރިސްކުރަން." އަލީ ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރެވުނު ނަމަވެސް، އިނގިރޭސިންގެ އަތްދަށުން ގައުމު ސަލާމަތްވެގެން ދިޔަ ދުވަހަކީ ހިތުން ކުލަ ފަނޑުވެގެންދާނެ ދުވަހެއް ނޫންކަމަށެވެ.