ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ބޭރުގައުމުތަކާ އޮންނަ ގުޅުން ހަރުދަނާކޮށް ބާއްވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ޖިހާދުގައި، ޤައުމީ ބަޠަލުން ހޯއްދެވި ކާމިޔާބީގެ އަސްލަކީ، ރައްޔިތުން އެ މިނިވަންކަން ދިފާއުކުރަން ބޭނުންވި މިންވަރުކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިހާބުވީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
"އދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން މިދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަގުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީ." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ކޮންމެ ޤައުމެއްގައިވެސް، އެންމެ މަތީ ދަރަޖައިގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހަކަށް، މިނިވަން ދުވަސް ވެފައި އޮންނަނީ ވަރަށް މުހިންމު ސަބަބުތަކަކަށްޓަކައި ކަމަށެވެ.
އެއީ އެ ޤައުމެއްގައި ދިރިއުޅޭ ބައެއްގެ އެންމެހައި އަސާސީ ޙައްޤުތައް ފުރިހަމަ ގޮތުގައި ހާސިލްކުރެވެނީ، ދާހިލީ ގޮތުންނާއި ހާރިޖީ ގޮތުންވެސް، އެ ޤައުމަކަށް ފުރިހަމަ މިނިވަންކަން ލިބިގެން ކަމަށްވާތީކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.