Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފަށަނީ

ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާކަން ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ސޯލިހް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތަކީވެސް މުޅި ޤައުމުގެ އެއްބައިވަންތަކަމާއި، ރައްޔިތުންގެ އެއްބާރުލުމަށް ނުހަނު ބޮޑަށް ބޭނުންވާ ހާލަތެއްކަމަށެވެ.

މުޅި ދުނިޔޭގައި ފެތުރެމުން ދާ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިވެހިން ރައްކާތެރިކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަތަށް ސަރުކާރަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އެންމެނަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް އަންނަ ހަފްތާގައި ފެށުމަށް ނިންމާފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް، މިފެށޭ އޮގަސްޓް މަހުގެ ނިޔަލަށް، ވެކްސިން ޖަހައި ނިންމުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށާއި، މިއީ ދުނިޔޭގެ މަދު ގައުމަކަށް ނޫނީ މިވަގުތު ލިބިފައި ނެތް، ވަރަށް މަތިވެރި ނަސީބެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހިތާބުގައި ރައީސް ވަނީ ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި، ސިއްހީ ހިދުމަތްތެރިންނާއި ދިވެހި ފުލުހުންނާއި ދިވެހި ސިފައިން، އަދި ހިލޭސާބަހަށް މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުއަދާކުރައްވާފައެވެ.