Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ނަފުރަތުގެ ބިލަކީ ދެކޮޅު ޖެހޭ ބިލެއް ނޫން: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ: ވަން އޮންލައިން

ނަފުރަތުގެ އަމަލު ހިންގުން ކުށަކަށް ހެދުމަށް ހުށަހަޅާފައިވާ އިސްލާހަކީ ދެކޮޅުޖެހޭ ބިލެއް ނޫންކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ، އެ އިސްލާހުގެ ސުރުހީ ވަރަށް ރީތި ކަމަަށާއި އެހެންނަމަވެސް އޭގައި ހުރި ވާހަކަތަކަކީ އިސްލާމީ ގައުމެއްގައި އަމަލު ކުރެވޭނެކަހަލަ ކަންތައްތަކެއް ނޫންކަމަށެވެ.

ހެޔޮ ކަންތަކަށް ގޮވާލުމާއި ނުބައިކަންތައް މަނާކުރުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމެއްކަން ފާހަގަކޮށް ރައީސް މައުމޫން ވިދާޅުވީ އެ އިސްލާހު ފާސްކޮށްފިނަމަ ދީނުގައި އަންނަގަވާފައިވާ ގޮތަށް ކަންތައް ނުކުރެވޭނެކަމަށެވެ.

"އެބިލުގައި ބުނާގޮތުން، ތިކަންތައް ތިކުރަނީ ގޯސްކޮށޭ، ތިއީ ދީނާ ހިލާފު ކަމެކޭ ބުނެވޭކަށްނެތް. އެކަމަކު އަޅުގަނޑުމެން ބަޔާންކޮށްދޭން އެބަޖެހޭ ދީނުގެ ހުކުމްތައް. މިސާލަކަށް މީހަކު ރާބޯތަން ފެނުނީމަ ތިއީ ދީނާ ހިލާފު ކަމެކޭ ބުނެވެންޖެހޭނެ. އެހެންނަމަވެސް އެ ޤާނޫނުބުނާ ގޮތުން އެހެން ބުނި މީހާ އެކުރަނީ ޖިނާއީ ކުށެއް. އެހެންވީމަ ދެކޮޅެއް ނުޖެހޭ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންގެ މެދުގައި ތާށިވެފައިވާކަމަށް ދޭވަހާގޮތަކަށް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް މައުމޫން ވިދާޅުވީ މިސަރުކާރު ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ތާށިވެފައި އޮތްކަމަށް ނުދެކޭކަމަށާއި، އަދި އެ ވާހަކަ ގަބޫލުނުކުރާކަމަށެވެ.

ސިޔާސީ ވާދަވެރިކަމުގައި އެކި މީހުން އެކި ވާހަކަ ދައްކާނެކަމަށާއި، އެހެންނަމަވެސް ސަރުކާރުން ވަކި ބައެއްގެ މެދުގައި ތާށިވެފައި އޮތްކަމަށް ނުދެކޭކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.