Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރިޔާސީ އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރާނަން: އެމްއެންޕީ

އެމްއެންޕީ އިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާނެކަމަށް އެ ޕާޓި އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓަކު ނެރޭނެކަމަށާއި، އަދި އިންތިހާބު ކާމިޔާބު ކުރައްވަންވެސް މަސައްކަތްކުރައްވާނެކަމަށެވެ.

ނާޒިމް ވިދާޅުވީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި ވާދަކުރައްވާނެކަމަށެވެ.

"އަޅުގަނޑަށް އެބަފެނޭ ﷲ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓުން ހުވާކުރައްވާނެ މަންޒަރު." ނާޒިމް ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕާޓީގެ ލީޑަޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ގިނަވެގެން ދެ ދައުރަށް ވުރެ އިތުރަށް ލީޑަޝިޕް މަގާމުތަކުގައި މަސައްކަތް ނުކުރެވޭ ގޮތް ހެދުމަށް އަސާސީ ގަވައިދުގައި ހިމަނާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއް ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫންކަމަށެވެ.

ނާޒިމް ވިދާޅުވީ އެބޭފުޅުންނަށް ސިޔާސީ ޕާޓިއެއް އުފައްދަން ޖެހުނީ ރާއްޖޭގައި މިވަގުތު އޮތް އެއްވެސް ސިޔާސީ ޕާޓީ އަކުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރާމަންޒަރު ނުފެންނާތީ ކަމަށެވެ.

އެ ޕާޓީން މަސައްކަތްކުރާނީ ރައްޔިތުންގެ ވިންދާއި އެއްގޮތްވާގޮތުގެ މަތިން ކަމަށާއި، އަދި އެޕާޓީގެ ވެރިކަމެއްގައި ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވާގޮތަށް ހަދާފައިވާ އެއްބަސްވުންތައްވެސް އެމްއެންޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަމަށް ވިދާޅުވިއެވެ.