Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

7 ފެބްރުއަރީގައި ސިފައިންގެ ތެރެއިން ނަޝީދާ ދިމާނުވޭ: ނާޒިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ސިފައިންގެތެރެއިން ރައީސް ނަޝީދާ ދިމާނުވާކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ރިޔާސީ އިންތިހާބަށް ކުރިމަތިލާނެކަން ހާމަކުރުމުން ނޫސްވެރިއަކު ވަނީ 7 ފެބްރުއަރީއާ ގުޅިގެން ކާނަލް ނާޒިމް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ފާޑުކިޔުން އަމާޒުވެފައިވާކަން ފާހަގަކޮށް ރައްޔިތުންގެ ތާއީދު ލިބޭނެކަމާމެދު ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ވެރިކަން ބަދަލުވިގޮތާ ގުޅޭގޮތުން "ކޯނީ ރިޕޯޓް" އެކުލަވާލާ އެ ރިޕޯޓް ހުރިހާ ޕާޓީތަކުންވެސް ބަލައިގަނެފައިވާކަމަށެވެ. އަދި އެ ރިޕޯޓުގައި އެ ދެބޭފުޅުންގެ ވަކި ވާހަކައެއް ނެތްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ 7 ފެބްރުއަރީގައި ސިފައިންގެ ތެރެއިން ރައީސް ނަޝީދާއި ބައްދަލުނުވާކަމަށެވެ.

"އެތަނަށް އަޅުގަނޑުމެން ދިޔައީ އެވަގުތު ވަރަށް އުނދަގޫ ވަގުތަކަށް ވެގެންދިޔައީ. ސިފައިންނާ ފުލުހުން އެތަނުގަ އެހިނގާދިޔަ ހަރަކާތަށް ބަލާއިރު، އެވަގުތު އެތާންގަ ހުންނެވި ބޭފުޅަކަށް ވަޒަންކުރެވޭނީ އެކަމުގެ ނުރައްކާތެރިކަން. ގައުމުގެ ހާލަތު ވެއްޓޭނެ ދަރަޖަ. އެހެންމަ އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން އިސްނަގައިގެން ހަމައަކަށް އެޅުވުމަށްޓަކައި. އެއީ އެއްވެސް ހާލެއްގައި ސަރުކާރެއް ބަދަލުކުރުމުގެ ނިޔަތުގައި ދިޔަ ދިޔުމެއް ނޫން." ކާނަލް ނާޒިމް ވިދާޅުވިއެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ސިފައިންގެ ތެރެއަށް ކާނަލް ނާޒިމް ވަދެވަޑައިގެން ނިކުންނެވުމަށްފަހު އަޑުގަދަ ކުރާ ބޭނުންކޮށް ޖުމްހޫރީ މައިދާނަށް އެއްވެ ތިބި މީހުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ އިސް ފަރާތްތަކާ ބައްދަލުކޮށް ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. އަދި އެއީ ޝަރުތަކާ ނުލާ ރައިސް ނަޝީދު އިސްތިއުފާ ދެއްވުންކަމަށް ކާނަލް ނާޒިމް ވިދާޅުވިއެވެ.

އެދަވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ލިޔުއްވި ސިޓީފުޅު ކާނަލް ނާޒިމް އަދި އަބްދުﷲ ރިޔާޒް ގެންގުޅުއްވި ކަމަށް ވަރަށް ގިނަ ފަރާތްތަކުން ތުހުމަތުވެސް ކުރެއްވިއެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވި ވަގުތުވެސް އެތަނުގައިވެސް ދެބޭފުޅުން ތިއްބެވިއެވެ.