Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ރެއާލް ދޫކޮށް ވަރާން ޔުނައިޓެޑަށް

ރެއާލް މެޑްރިޑް ދޫކޮށް ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް ގޮސްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އުމުރުން 28 އަހަރުގެ ވަރާންގެ ޓްރާންސްފާއާ ގުޅޭގޮތުން ޔުނައިޓެޑާއި ރެއާލް އާއި ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން ވަރާން ޔުނައިޓެޑަށް ބަދަލުވާނީ 34 މިލިއަން ޕައުންޑްގެ އަގަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ޓްރާންސްފާ ފުރިހަމަ ކުރުމަށް މި ހަފްތާގެ ތެރޭގައި ވަރާން އިނގިރޭސިވިލާތަށް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރާން ރެއާލް އާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ އަހަރު ހަމަވާއިރު، އޭނާ ވަނީ ކޮންޓްރެކްޓް އާކުރަން ބޭނުން ނުވާކަން އެ ކްލަބަށް އަންގާފައެވެ. ވަރާން ރެއާލް ދޫކޮށްލާއިރު، އެ ކްލަބަށް ކުޅެމުން އައި ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ދާދިފަހުން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ޕީއެސްޖީ އަށް ސޮއިކޮށްފައެވެ.

2011 ވަނަ އަހަރު ރެއާލްއާ ގުޅުނު ވަރާން ވަނީ ސްޕެނިޝް ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ވަރާން ވެގެންދާނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެންނަ ދެވަނަ ކުޅުންތެރިޔާ އަށެވެ. އެގޮތުން ޔުނައިޓެޑުން މީގެކުރިން ވަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ޖޭޑަން ސަންޗޯ 73 މިލިއަން ޕައުންޑަށް އެ ކްލަބަށް ގެނެސްފައެވެ.