Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ސަލްމާން މިސްކިތަކީ ކޮޕީ ޑިޒައިނެއް ކަމަށްބުނެ ދައުވާ ކުރާނެކަމުގެ އިންޒާރުދީފި

ސަލްމާން މިސްކިތް-- ފޮޓޯ: އަވަސް އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ސަލްމާން މިސްކިތް އަޅާފައިވަނީ ޑިޒައިނެއް ކޮޕީ ކޮށްގެންކަމަށްބުނެ ދައުވާކުރާނެ ކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޒާހިރު ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ސަލްމާން މިސްކިތުގެ ޑިޒައިނަކީ މެލޭޝިއާގެ ކުންފުންޏެއްގެ ޑިޒައިނެއްކަމަށް އެކުންފުނިން ބުނެފައިވާކަމަށާއި، އަދި އެކަމުގައި ދައުވާ ކުރާނެކަމަށްވެސް ބުނެފައިވާކަމަށެވެ. އެ މިސްކިތް އަޅާފައިވަނީ ތުރުކީ ކުންފުންޏަކާ ހަވާލުކޮށްގެން ކަމަށްވީނަމަވެސް، އެ ޑިޒަައިނަކީ މެލޭޝިއާ ކުންފުނީގެ ޑިޒައިނެއްކަމަށާއި، އަދި ޑިޒައިނަށް ގެނެސްފައިވަނީ ކުޑަ ބަދަލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވަނީ އެ ބޭފުޅުންގެ ޑިޒައިނެއް ކޮޕީކޮށްގެން ބޭނުން ކޮށްފައޭ އެ އޮތީ. ކުޑަ ބަދަލެކޭ ގެނެސްފައި." މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

ޑރ. ޒާހިރު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އެ ކުންފުނިން ހުށަހެޅި ޑިޒައިނާއި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ފޮޓޯ އަދި ބައެއް ލިޔެކިޔުންވެސް ފޮނުވާފައިވާކަމަށެވެ.

އެހެންކަމުން އެމައްސަލަ ބަންޑާރަނައިބުގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ފަސްބުރީގެ ސަލްމާން މިސްކިތް ނުހުޅުވި ލަސްވާތީ އެކަމުގައި އިދިކޮޅުގެ ކަންބޮޑުވުން ބޮޑެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިސްކިތް ނުހުޅުވި ލަސްވަނި ސައުދީން އެކަމުގައި ތާރީހެއް ނުލިބިގެންކަމަށެވެ.