Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިންޑިއާ ފުލުހުންގެ މެދުގައި ހިންގި ބަޑީގެ ހަމަލާތަކެއްގައި 5 ފުލުހަކު މަރުވެއްޖެ

އިންޑިއާގެ އާސާމް އަދި މިރްޒޯރާމް ސްޓޭޓްގެ ބޯޑަރުގައި ދެ ސްޓޭޓްގެ ފުލުހުންގެ މެދުގައި ހިންގި ބަޑީގެ ހަމަލާތަކެއްގައި 5 ފުލުހުން މަރުވެއްޖެއެވެ.

އިންޑިއާގެ ފުލުހުން އެއްބަޔަކު އަނެއް ބަޔަކަށް މިފަދަ ހަމަލާތަކެއް ދިނީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އެ ސްޓޭޓްގެ ބޮޑުވަޒީރުން ވަނީ މި ހަމަލާތަކަށް ހިތްވަރުދިން ކަމަށް ބުނެ އެކަކު އަނެކެއްގެ ބޮލުގައި އިލްޒާމް އަޅުވާފައެވެ. މި ހަމަލާ ދީފައިވަނީ އެތައް މަސްދުވަސް ވަންދެން މި ދެ ސްޓޭޓްގެ ބޯޑަރުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިންވެސް ދެ ސްޓޭޓްގެ ބިމާއި ގުޅިގެން އެ ފަރާތްތަކުގެ މެދުގައި ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. އެހެން ނަމަވެސް މިއީ މިފަދަ ގޮތަކަށް ފުލުހުންގެ މެދުގައި ހަމަލާތަކެއް ހިންގި ފުރަތަމަ ފަހަރެވެ. މި ހަމަލާގައި މަރުވީ އާސާމްގެ ފުލުހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދެ ސްޓޭޓްގެ މެދުގައި އޮންނަ ފޮރެސްޓް އޭރިއާއެއްގެ ބިމާއިހެދި ދެ ފަރާތުގެ މެދުގައި އުފެދިފައިވާ މައްސަަލަ އުފެދިގެން އުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. މި މައްސަލައިގެ ސަބަބުން ދެ ފަރާތުގެ ސަރުކާރުން ވަނީ އެތައް ކޯޅުމެއް ކޯޅިފައެވެ. އެތައް ހަމަނުޖެހުން ހިންގާފައެވެ. މީގެ ކުރިން މިރްޒޯރާމަކީ އާސާމްގެ ބައެއްގެގޮތުގައި އޮތް ތަނެކެވެ. އެހެން ނަމަވެސް 1972 ވަނަ އަހަރު ދެ ތަނެއްގެ ގޮތުގައި ކަނޑައެޅި އޭގެ ފަހުން ރަސްމީ ގޮތުން 1987 ވަނަ އަހަރު މިރްޒޯރާމަށް ވަނީ ވަކި ސްޓޭޓެއްގެ ލަޤަބު ލިބިފައެވެ.

ހޯމަ ދުވަހު މި ހަމަލާ ދީފައިވަނީ ދެ ބޯޑަރުގައި ތިބި ފުލުހުންގެ މެދުގައި ހިނގި ޒުވާބެއް ބޮޑުވެ ހަމަނުޖެހުމަކަށް ބަދަލުވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. 2020 ވަނަ އަހަރު ވެސް ބޯޑަރުގައި މި ދެ ފަރާތުން ވަނީ ހަމަނުޖެހުން ދެ ފަހަރެއްގެ މަތިން ހިންގާފައެވެ.