Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން ނިޔާވެއްޖެ

ބ އަތޮޅު ފުޅަދޫގައި މޫދަށް އެރި އުޅުނު ދިވެއްސަކު ގެނބިގެން ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ގެނބިފައިވަނީ އިތުރު 3 މީހަކާއިއެކު މޫދަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ. މިމީހުންނަކީ ފުޅަދޫގައި ހުންނަ ގެސްޓް ހައުސްއަކަށް ޗުއްޓީ ހޭދަކުރުމަށްޓަކައި ގޮސް އުޅުނު ބައެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 1:20 ހާއިރު ކަމަށާއި އަދި އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 1:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

ގެނބުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައިކަމަށް މައުލޫމާތު ލިބެއެވެ.