Last Updated: April 24, 10:13
Wednesday, April 24, 2024
ޚަބަރު

އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ގޮތް ހެދުން ދިވެހިން ބަލައިނުގަންނާނެ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭނެ ގޮތް ހެދުން ދިވެހިން ބަލައިނުގަންނާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޔާމީން މިހާރު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންކަމުން މިހާރު އޮތް ގޮތުން ޔާމީނަށް ދެން އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ނެތެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، ޔާމީންގެ ފަރާތްޕުޅުން އެ ހުކުމް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީނަށް ހުކުމް އިއްވީ ސަރުކާރު ކޯލިޝަންގެ ނުފޫޒުން ކަމަށާއި ޤައުމު މިހާލަތަށް ވައްޓާލުމަކީ ބޮޑު އިހުމާލެއް ކަމަށެވެ.

"ގައުމު ސަލާމަތް ކުރުމުގެ ގާބިލްކަން ހުރި ހަމައެކަނި ލީޑަރ ރައީސް ޔާމީންއަށް 2023 ގައި ވާދަ ނުކުރެވޭނެ އެއްވެސް ގޮތެއް ދިވެހިން ބަލައިނުގަންނާނެ. އެކަން ކުރާ ބަޔަކު އެވަނީ ގައުމަށް ގައްދާރު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިމިވަނީ ހުކުމެއްގައި ހުންނަވަނިކޮށް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން މިއަދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މައުމޫން ވަނީ ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާއިރު އެމަނިކުފާނުގެ މައްޗަށް ވަނީ އިތުރު ދެ ދައުވާއެއް ވެސް އުފުލާފައެވެ. އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.