Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

ރައީސް ސޯލިހްއާ ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއް ނެތް: ޝިޔާމް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއް ނެތްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދާ ހަރަކާތް ބާރަށް ކުރިއަށްދާކަން ފާހަގަކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޓްވީޓްގައި ޝިޔާމް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ތާއީދު ބޮޑުތަނުން އިތުރުވަމުން އަންނަކަމަށެވެ.

އެގޮތުން "މަވެސް ޕީޕީއެމް" ހަރަކާތުގެ ދަށުން ކޮންމެ ދުވަހަކު އެތައްބަޔަކު ޕީޕީއެމަށް ގުޅެމުން އަންނަކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވި ރައީސް ސޯލިހާއި ދޭތެރޭ ރައްޔިތުން އިތުރަށް ކުރާނެ އުންމީދެއް ނެތްކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމުން 100،000 މެމްބަރުން ހަމަކުރަންޖެހޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވިދާޅުވެފައެވެ. އަދި އެއާއެކު އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތަކެއްވެސް މިހާރު އަންނަނީ ހިންގަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕީޕީއެމްގައި ތިބީ 37093 މެމްބަރުންނެވެ.