Last Updated: April 18, 03:29
Thursday, April 18, 2024
ޚަބަރު

ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވަން އަންގައިފި

ފޮޓޯ: ފަޔާޒް މޫސާ/ ސަން

މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރުވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ.

އެހެންނަމަވެސް އެގޮތަށް ނަމާދުކުރުމަކީ އިމާމު ކޯސް ހަދާ ކުދިންނަށް ތަމްރީން ދިނުމުގެ ގޮތުންކަމަށް އެ މިސްކިތުގެ އިމާމް ބުނެފައިވާކަމަށާއި، އެހެންނަމަވެސް އެމިސްކިތުގައި ކުޑަކުދިން ލައްވާ އިމާމުވެ އަބަދުވެސް ނަމާދުކުރުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަކަމަށެވެ.

އަދި މި ކަމާއި ގުޅިގެން ކުޑަކުދިން ލައްވާ މިސްކިތްތަކުގައި އިމާމުވެ ނަމާދު ނުކުރެވުމަށް އިމާމުންނަށް އަންގާފައިވާނެކަމަށާއި، އަދި ސާކިއުލާއެއްވެސް ފޮނުވާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިސްކިތްތަކުގައި ނަމާދުކުރުމަށް އިމާމުން ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި، އަދި އެ އިމާމުންނަށް ނުދެވޭ ހާލަތުގައި އިމާމުވެ ނިމާދުކުރުމަށްވެސް އިތުރުފަރާތްތައް ތިބޭނެކަމަށެވެ.

ކުޑަކުދިންލައްވާ މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުވުމަކީ މަދުންނަމަވެސް ރާއްޖޭގެ މިސްކިތްތަކުގައި އިމާމުން ކުރަމުން އަންނަކަމެކެވެ.