Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ޤުރުއާން ރީތިކޮށް ކިޔަވާ ކުދިންނަށް އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު އޮތުން ރަނގަޅު: ޝަހީމް

ޑރ. ޝަހީމް: ފޮޓޯ / މިހާރު

ޤުރުއާން ހިތުދަސް އަދި ރީތިކޮށް ކިޔަވާ ކުދިންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅު ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ، މިސްކިތްތަކުގައި އިމާމުވެ ކުޑަކުދިންލައްވާ ނަމާދު ނުކުރުވުމަށް އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އެންގުމާއި ގުޅިގެންނެވެ.

ޑރ. ޝަހީމް ވިދާޅުވެފައިވަނީ ނަމާދުގެ ހުކުމްތައް ދަންނަ ޝަރުއީ ގޮތުން ބާލިޣުވެފައިވާ 13، 15 އަހަރު ކުދިން އިމާމުގެ ނަމާދު ކުރުމަކީ ދީނީގޮތުން މައްސައެއް އޮތް ކަމެއް ނޫންކަމަށެވެެ. އަދި ޚާއްސަކޮށް ރީތިކޮށް ޤުރުއާން ކިޔަވާ ހިތުން ދަސްކޮށްފައިވާ ކުދިންނަށް އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅުކަމެއްކަމަށް ފެންނަކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރަސްމީ އިމާމުންނަކީ ވަކި ފާހެއް އޮންނަންޖެހޭ ބައެއްނަމަވެސް ރީތިކޮށް ކިޔަވާ ޤުރުއާން ހިތުދަސް ކުދިންނަށް ފުރުސަތު އެއްކޮށް ބަންދު ވެގެންނުވާނެ. އިސްލާމީ އުސޫލަކިވެސް އެއީ. އަޅުގަނޑުމެން ކުޑައިރު މިސްކިތަށް ދިޔުމުން ބައެއްފަހަރު އިމާމުކަން ހަވާލުކުރޭ." ޑރ. ޝަހީމްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވިދާޅުވީ މިސްކިތުގައި ނަމާދުގެ ކުރީ ސަފުގައި ކުޑަކުއްޖަކުއިނަސް އެ ކުދިން ފަހަތު ސަފަށް ޖައްސައި ބޭރުކޮށްލުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. ކުރީ ސަފުގެ ޖާގަތަކަކީ އެތަނުގައި ކުރިން އަންނަ މީހެއްގެ ހައްޤެއްކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވި ކުޑަކުއްޖެއްގޮސް ކުރިން އިށީންދެއްޖެނަމަ އެ ކުއްޖަކު ބޭރުކޮށްގެން ނުވާނެކަމަށެވެ.

ކުޑަކުދިން މިސްކިތަށް ލޯބި ޖެއްސުމާއި މިސްކިތުން އެކުދިން ބަލައިގަންނަކަން އެކުދިންނަށް އިހުސާސްވާން ޖެހޭނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ކުރުވާ ކަމުގެ ޝަކުވާ އެކި ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށްބުނެ އިސްލާމިކް މިނިސްްޓްރީން ވަނީ މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމުވެ ނަމާދު ނުކުރުވުމަށް އިމާމުންނަށް އަންގާފައެވެ.