Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

27 އިންސައްތަ މީހުން ވެކްސިން އެއްވެސް ޑޯޒެއް ނުޖަހާ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް އަދި ނުޖަހާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.

އެޗްއީއޯސީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ސަރުކާރުން ގަނެފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ލިބިފައިވާކަމަށެވެ.

އިތުރު ވެކްސިން ޝިޕްމެންޓާއެކު ރާއްޖޭގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، ދެވަނަ ޑޯޒް ޖަހަންޖެހޭ ފަރާތްތަކަށް އޮގަސްޓް މަހު ޖަހާ ނިންމާލެވޭތޯ މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިދަނޑިވަޅަކީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވިފައި އޮތް ވަގުތަކަށްވުމުން މި ވަގުތުގެ ބޭނުންހިފާ ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ޖެހުން މުހިންމު ކަމަށެވެ. ރާއްޖޭގެ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށާއި، އެހެންކަމުން މި ފަށާ ޕްރޮގްރާމުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް އެދޭކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ކޮންޓްރޯލް ކުރެވިފައި އޮތްއިރު، ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އަންނަނީ ލުއި ދެމުންނެވެ.