Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އިޒްރޭލްގެ ސިފައިން ފަލަސްތީނުގެ ކުޑަ ކުއްޖަކު މަރާލައިފި

އިޒްރޭލްގެ ސިފައިން ވެސްޓް ބޭންކް ސަރަހައްދުގައި ބަޑިޖަހާ ފަލަސްތީނުގެ 12 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފިއެވެ.

ފަަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ އެ ކުއްޖާއަށް ބަޑީގެ ހަމަލާ ދިނުމުން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ބުނެފައެވެ. މުޙައްމަދު އަލްއާލަމީ ނަމަކަށް ކިޔާ އެ ކުއްޖާ މެޔަށް ބަޑިޖަހާފައިވަނީ ބައިތު އުމަރު ސަރަހައްދުގައި އެ ކުއްޖާގެ ބައްޕައާއެކު ކާރުގައި ދަނިކޮށް ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ސަރަހައްދުގެ މޭޔަރު ބުނެފައިވާ ގޮތުގައި މުހައްމަދާއި އޭނާގެ ބައްޕަ އަދި އަންހެން ކޮއްކޮ ދަތުރު ކުރަމުންގޮސް މުހައްމަދު ބުނެގެން އެމީހުން އެއްޗެއް ގަތުމަށް މަޑުކުރީއެވެ. މަޑުކުރުމަށްފަހު އަނބުރާލާފައި ދާން ފެށުމުން އެ ސަރަހައްދުގައި ތިބި އިޒްރޭލްގެ ސިފައިން މަޑުކުރުމަށް ގޮވާ ވަނީ ހަޅޭއްލަވަން ފަށާފައެވެ. އަދި ހަމަ އެއާއެކު އެތަނުން އެއް ސިފައިންގެ މީހަކު ވަނީ ބަޑިނަގާ އެ ކާރަށް އަމާޒުކޮށް ވަޒަން ޖަހަން ފަށާފައެވެ. ވަޒަން ގޮސް އެރީ މުހައްމަދުގެ މެޔަށް ކަމަށް މޭޔަރު ވަނީ ބުނެފައެވެ. މި ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް މޭޔަރު ވަނީ ބުނެފައެވެ.

އިޒްރޭލުން ވަނީ އެމައްސަލަ ތަހުގީގު ކުރާ ކަމަށް ބުނެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ވެސް އިޒްރޭލް މީހުން ވަނީ ފަލަސްތީނުގެ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ބަޑިން ހަމަލާދީ މަރާލާފައެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ވެސް އިޒްރޭލް ސިފައިން ވަނީ ފަލަސްތީނުގެ 41 އަހަރުގެ ފިރިހެނަކު މަރާލާފައި ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.