Last Updated: April 26, 17:13
Friday, April 26, 2024
ރިޕޯޓް އެމްޑީޕީ

އެމްޑީޕީގެ ކުއްލި ހާލަތުގެ ގަރާރު: އެއްވެސް "އުރައްޕެތް ނެތް"؟

ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރުމަށް ގޮވާލައި، ވެރިކަން ކުރާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ގަރާރެއް ފާސްކުރި ވާހަކައަކީ ބޮޑު ވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް މީގައި އެމްޑީޕީން ނުދައްކާ ވާހަކަތަކެއް އެބަ އޮތެވެ. އެއީ މި ގަރާރުގެ އެއްވެސް ބާރެއް ނެތް ވާހަކަ އެވެ. ހަރުދަނާކަމެއް ނެތް ވާހަކަ އެވެ. ކުރުކޮށް ބުނާނަމަ މި ގަރާރަކީ އެއްވެސް "އުރައްޕެތް ނެތް" ގަރާރެއް ކަމަށް އެމްޑީޕީގެ މެމްބަރުންވެސް ގަބޫލުކުރެ އެވެ. އެކަމު އެއީ އެ ޕާޓީން ނުދައްކާ ވާހަކަ އެވެ. ގައުމީ މަޖިލީހުގެ އެ ނިންމުމަކީ "އެއްވެސް ބުރަދަނެއް ނެތް" ގަރާރެއް ކަމަށް ބުނާ ސަބަބުތަކެއްވެސް އެބަ ހުއްޓެވެ.

ޖަލްސާ 107 މެމްބަރުން ވަޑައިނުގަންނަވާ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަ 148 މެމްބަރުން ތިބެ އެވެ. ގައުމީ މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަވަނީ 37 މެމްބަރުން ޖަލްސާގައި ބައިވުމުންނެވެ. މި ޖަލްސާ ކުރިއަށް ގެންދިޔައީ 41 މެމްބަރުންނާއެކު އެވެ. މިއީ އެހާ މުހިންމު ޖަލްސާއެއްގެ ގޮތުގައި ގައުމީ މަޖިލީހުގެ މެމްބަރުން ގަބޫލު ނުކުރާކަން އެނގެނީ މި ޖަލްސާއަށް 107 މެމްބަރުން ހާޒިރުނުވާތީ އެވެ. ޖަލްސާއަށް ވަޑައިނުގެންނެވި ބޭފުޅުންގެ ތެރޭގައި އެޕާޓީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެބިނެޓް މެމްބަރުންވެސް ހިމެނެ އެވެ. އެހެންވެ މި ޖަލްސާ ކުރިއަށް ގެންދިޔައީ ހަމަ ކިރިޔާ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ތިބެގެންނެވެ. އަދި އެ ގަރާރު ފާސްކުރީ 39 މެމްބަރުންގެ ވޯޓުން ކަމަށްވާތީ މިއީ އެހާ ބުރަދަން ހުރި ގަރާރެއް ކަމަކަށް ބައެއް މީހުން ނުދެކެ އެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ސީދާ އޮންނަ ބާރަކަށް އަރައިގެނެވިދާނެ ކަމަށް ބައެއް މެމްބަރުން ގަބޫލެއް ނުކުރޭ

ކުއްލި ނުރައްކަލު ހާލަތު އިއުލާންކުރުމަކީ އެއިރެއްގައި ހުންނަވާ ރައީސުލް ޖުމްހޫރިއްޔާއަކަށް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ބާރެކެވެ. އެހެން ކަމުން ރައީސުލް ޖުމްޙޫރިއްޔާ ލިބިދީފައި އޮންނަ ބާރެއް ވަކި ގޮތަކަށް ބޭނުން ކުރެއްވުމަށް ޕާޓީއެއްގެ ގައުމީ މަޖިލީހަށް އެންގިދާނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގަބޫލެއް ނުކުރެ އެވެ.

އެމްޑީޕީގެ ޕާލަލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ އެމްޑީޕީގެ ބޭފުޅަކު ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންވަނިކޮށް ޕާޓީގެ ގައުމީ މަޖިލީހުން ރައީސުލް ޖުމްހޫރިއްޔާއަށް ސީދާ ލިބިދޭ ބާރެއް ވަކި ގޮތަކަށް ބޭނުންކުރުން އެއީ ހަމަ ޖެހޭ ކަމެއް ނޫންކަން ގައުމީ މަޖިލީހުގައި ވެސް ފާހަގަ ކުރައްވާފައި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ އެ ބާރު ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮއްވާ ކުއްލިއަކަށް ނުވާނެ ނިންމާކަށް ގަރާރަކުން މިއީ އަޅުގަނޑުމެނަށް ފެންނަ ކަމެކޭވެސް، ދެކޭ ގޮތެކޭ ވެސް. އެހެން ޕާޓީގެ ރައީސަކު ހުރި ނަމަ އެންމެ ރަނގަޅު އަޅުގަނޑުމެން އެގޮތައް ދެކެން،" އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ވާހަކައިން ފާހަގަވި ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ހަމައަށްވެސް ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާއާ އެއްވެސް މަޝްވަރާއެއް ކުރައްވާފައިނުވާ ކަމެވެ. އަނެއް ކޮޅުން ރައީސް ނަޝީދު އެ ގަރާރަށް ތާއީދު ކުރައްވާ ވާހަކަ ދެއްކެވި ބޭފުޅުންނަކީ އެންމެ ކުރިންސުރެ ވެސް ރައީސް ނަޝީދުގެ އެންމެ އަރިސް މެމްބަރުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ މެމްބަރުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަކީ މަސްލަހަތައް ބަލާއިރުވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެ އެ ބައި އުނިކުރަން އާޒިމް ހުށައެޅުއްވި އެއެވެ. އެހެން ނަމަވެސް ނަޝީދު ހުށައެޅުއްވި ގަރާރު އެ އޮތްގޮތައް ބާއްވާ ފާސްކުރުމަށްފަހު އާޒިމް ހުށައެޅުއްވި އެ އިސްލާހަށް ވޯޓަކަށް ނާހަ އެވެ. އެހެން ކަމުން އެއީ ގައުމީ މަޖިލީހު ޖަލްސާގެ ގަވައިދާ ހިލާފަށް ކުރި ކަމެއް ކަމަށް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގަބޫލުކުރެ އެވެ.

"ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށައަޅާފައި އޮތް ގަރާރަށް އަލީ އާޒިމް ހުށައެޅުއްވި އިސްލާހަށް ފުރަތަމަ ވޯޓަށް އަހަން ޖެހޭނީ. އެއަށްފަހު ގަރާރަށް ވޯޓަށް އަހަން ޖެހޭނީ. އަލީ އާޒިމް އިސްލާހަށް ވޯޓަށް ނާހާ ގަރާރަށް ވޯޓަށް އެހުން ގަވައިދާ ހިލާފު،" އައްޑޫ މީދޫ ދައިރާގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންވެސް ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުމަކީ ހަމަ ޖެހޭ ނިންމުމެއް ކަމަށް ގަބޫލެއްް ނުކުރެ އެވެ. ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަ ހައްލު ކުރަން އެމްޑީޕީއަށް ރައީސުލް ޖުމްޙޫރިއްޔާއާ ވާހަކަ ދެކެވި ގޮތްތަކެއް ނިންމެން ޖެހޭނެ ކަމަށް އާއްމު ބައެއް މީހުންވެސް ގަބޫލުކުރެ އެވެ.

"ގައުމީ ބޮޑު މައްސަލައެއްގައި ޕާޓީން ޖަޒްބާތުގައި ޖެހިގެން ރައީސުލް ޖުމްހޫރިއްޔާ ސީދާ ލިބިދޭ ބާރުތައް ވަކި ގޮތަކަށް ބޭނުން ކުރަން އަންގައިގެން އެކަން ކޮށްފި ނަމަ ނުބައި އަސަރެއްކޮށްފާނެ. ހާއްސަކޮން ހައްދު ފަހަނައަޅާފައި ތިބި މީހުން ހައްޔަރުކުރަންނޭ ކިޔާ ޝައްކު ކުރެވޭހާ ބައެއް ފަހަތުން ހަތިޔާރާއެކު ސިފައިންނާ ފުލުހުން ދުއްވައިގަތީމަ ގައުމަށް ހީނުކުރާ ފަދަ ނުރައްކާ ކުރިމަތިވެދާނެ. ހަރުކަށިފިކުރާ ކުރިމަތިލުމަކީ ވަރަށް ހިކުމަތްތެރިކަމާއެކު ކެބިނެޓާއި ދީނީ އިލްމްވެރިންނާ ވާހަކަ ދެކެވިގެން ކުރެވެން ޖެހޭނެ ކަންކަން. ވަރަށް ތާކުން ތާކުން ނުޖެހޭ ނިންމުމެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އެ ނިންމީ،" އެމްޑީޕީގެ އާއްމު މެމްބަރަކު ސޯޝަލް މީޑިޔާގައި ހާމަ ހިޔާލެއްގައި ލިޔެފައި އޮތެވެ.

ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ ތާއީދުވެސް ނެތްކަން ހާމަވި

ރައީސް ނަޝީދަށް އެ ޕާޓީގެ އާއްމު މެމްބަރުންގެ ތާއީދު މީގެ ކުރިން ފެނިގެން ގޮސްފައިވެ އެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ފާޑު ވިދާޅުވެ ނުސީދާ ގޮތުން ކުރައްވަން ފެއްޓެވި މަސައްކަތައް ފަހު ނަޝީދަށްވުރެ ޕާޓީ ތެރެއިންވެސް ބައެއް މީހުން ކުރަމުން އައި ސަޕޯޓް ކުޑަވާން ފެށި އެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮތް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވިހާ ގޮތެއް ހައްދަވަން ތިއްބެވީ 65 މެމްބަރުންގެ ތެރެއިން 16 ވަރަކަށް މެމްބަރުންނެވެ. އެކަން ހާމަކުރީ ވެސް ރައީސް ނަޝީދަށް ތާއިދުކުރައްވާ މެމްބަރުންނެވެ.

ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުން މުލީއާގެ ކުރިމަތީގައި —

އެކަން އެހެން އޮއްވާ ރައީސް ނަޝީދަށް ޕާޓީގެ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ނެތްކަން މި ޖަލްސާއިން ހާމަވި އެވެ. މިއީ ނަޝީދަށް ދެވުނު ނުރައްކާތެރި ހަމަލާއަށްފަހު ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާ އެވެ. ނަމަވެސް އެމަނިކުފާނުގެ މި ހާއްސަ ޖަލްސާއަށް ގައުމީ މަޖިލީހުގެ މެމްބަރުންގެ މާ ބޮޑު ސަމާލުކަމެއް ނެތެވެ. ގިނައީ އެމަނިކުފާނު ހުށައެޅުއްވި ގަރާރަށް ބަހުސް ކޮށްލަންވެސް ބޭނުންނުވާ މެމްބަރުންނެވެ. އެހެން ކަމުން ޕާޓީގެ ފުލް ކޮންޓްރޯލް މިހާރު އޮތީ އެ ޕާޓީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހްގެ އަތްޕުޅުގައިކަން ސާފުވި އެވެ.

މި ގަރާރަށް ސަރުކާރުގެ އެއްވެސް ސަމާލުކަމެއް ނެތް

ކުއްލި ނުރައްކަލު ހާލަތު އިއުލާންކުރުމަށް ސަރުކާރަށް ގޮވާލާ ފާސްކުރި މި މުހިންމު ގަރާރު އެއީ ސަރުކާރަށް އެހާ މުހިންމު އެއްޗަކަށްނުވި އެވެ. އެކަން ސާފުވަނީ މިއީ އެ ގަރާރު ފާސްކުރިތާ ތިން ވަނަ ދުވަހެވެ. އެއަށް އެއްވެސް އިޝާރާތެއް ސަރުކާރަކުން ނުދެ އެވެ. ސަރުކާރުން އަވަދިނެތި އުޅުއްވަނީ ރައީސް ވިދާޅުވާ ގޮތުން ނަމަ "ވައުދުތައް ފުއްދުވުމުގައި"އަވަދިނެތި އެވެ.

އަނެއްކޮޅުން ޕާޓީގެ ގައުމީ ޖަލްސާއިން ސަރުކާރަށް ވަކި ކަމެއް ކުރުމަށް ގޮވާލާނަމަ އެކަމެއް ސަރުކާރަށް އަންގަންޖެހޭނެ ކަަމަށް މެމްބަރުން ތެރެއިން ބައެއް މީހުން ގަބޫލުކުރެ އެވެ.

"ގައުމީ މަޖިލީހުގެ އެ ނިންމުން އެނގެން ޖެހޭނީ މީޑިޔާ ތަކަކުން ނޫން. ޕާޓީން ރަސްމީކޮށް ސަރުކާރަށް އެކަން އަންގަން ޖެހޭނެ. އެހެން ނޫނީ އެކަމެއް ހަމައެއް ނުޖެހޭނެ،" ގައުމީ މަޖިލީހުގައި އެ ގަރާރާ ދެކޮޅަށް ވޯޓު ދެއްވި އާޒިމް ވިދާޅުވި އެވެ.

ހަފުކަށިފިކުރު މީހުން ރާއްޖޭގައި ގިނަކަމަށް ދައްކަން ކުރާ މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމަށާއި އިގުތިސާދަށް އޭގެ އަސަރު ކުރުވަން ކުރާ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. ރާއްޖެއަށް ޓޫރިސްޓް އައުން ހުއްޓުވާ ކުއްލި ހާލަތު އިއުލާންކުރަން ޖެހޭ ކަމަކަށް ސަރުކާރުގެ ބައެއް ބޭފުޅުން ގަބޫލެއް ނުކުރެ އެވެ. އެހެން ކަމުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ފާސްކުރި މި ގަރާރުގައި އޮތް ވާހަކަ ކިތަންމެ ބޮޑު ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި މިއީ އެއްވެސް "އުރައްޕެތް ނެތް" ގަރާރެކެވެ.