Last Updated: April 24, 22:58
Wednesday, April 24, 2024
ޚަބަރު

ކަރަންޓު ބިލު ބޮޑުވެ އުފުލަންޖެހޭ ތަކުލީފަކީ ކުރީ ސަރުކާރުން ކަންކުރިގޮތުން ވާގޮތެއް: އާޒިމް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކަރަންޓު ބިލު ބޮޑުވެ މާލޭގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ތަކުލީފަކީ ކުރީ ސަރުކާރުން ކަންކުރިގޮތުން ވާގޮތެއްކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ކަރަންޓު ބިލު ބޮޑުވެފައިވާތީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރި ޓްވީޓަށް ރައްދު ދެއްވައެވެ.

އަލި އާޒިމް ވިދާޅުވެފައިވަނީ ކަރަންޓު ބިލު ބޮޑުވެ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށެވެ.

އަދި މިއަދުގެ ހާލަތު މިގޮތަށް ދިމާވެފައިވަނީ ޑރ. މުއިއްޒު ހިމެނުނު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުން ދެކޮޅު ނުޖެހޭ އިގްތިސާދީ ގިނަ ނިންމުންތަކެއް ނިންމުމުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

"އިރާދަފުޅުން މާދަމައަކީ މާރަގަޅުދުވަހަކަށް ހަދާނަން." އަލީ އާޒިމްގެ ޓްވީޓްގައިވެއެވެ.

ކަރަންޓު ބިލު ބޮޑުވެ ރައްޔިތުންގެ ޝަކުވާ ގިނަވުމުން މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތް ވެފައިވާކަމަށާއި ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން ޖެހިފައިވާ ކަމަށް މުއިއްޒުގެ ޓްވީޓުގައިވެއެވެ.