Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

މޭ 6 ހަމަލާ: އިތުރު މީހަކަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު--

މޭ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އާމާޒުކޮށްދިން ބޮމުގެ ހަމަލާގައި ހިމެނޭ އިތުރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލައިގައި ހިމެނޭ އިތުރު މީހަކަށް ދައުވާ ކޮށްދޭން އެދި ފުލުހުން ފޮނުވާފައިވާކަމަށެވެ. އަދި އޭނާގެ މައްސަލައިގައި ދައުވާ ކުރުމާއި މެދު އަންނަ ހަފްތާގެ ކުރީކޮޅުގައި ގޮތެއް ނިންމޭނެކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު މަޑުކުރަމުން އަންނަނީ ބައެއް ފައިނަލް ފޮރެންސިކް ރިޕޯޓްތަކަށް ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މީގެކުރިންވެސް ފުލުހުން މި މައްސަލައިގައި ހިމެނޭ 4 މީހަކަށް ދައުވާ ކޮށްދޭން އެދި ޕީޖީއަށް މައްސަލަ ފޮނުވާފައިވެއެވެ. އެ ހަތަރު މީހުންނަކީ އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

މި މައްސަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި އިތުރު މީހުންގެ ވަނަވަރު އާންމުކޮށް ހަމަލާގައި އެމީހުންގެ ދައުރު އާންމުކޮށްފައެވެ. އެގޮތުން ފުލުހުން މައުލޫމާތު އާންމުކޮށްފައިވާ މީހުންނަކީ، ނ. މަނަދޫ / ނޫރީގެ އަލީ ހައިޝަމް، ކ. މާލެ / ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި / ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް / އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ / ބަހާރުގެ އަބްދުﷲ އަލި މަނިކު އަދި ހއ. ހޯރަފުށި / އަލަނާސިގެ މުހައްމަދު ތަސްލީމެވެެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.

މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގައި އޮތްއިރު، އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތެވެ.

އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށާއި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށްވެސް ބުނެފައިވެއެވެ.

މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހާކަމަށް ފުލުހުން ބުނެފައިވެއެވެ.