Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

އިޒްރޭލުން ޖަނާޒާއެއްގައި ބައިވެރިވި ފަލްސްތީނު ޒުވާނަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ހަމަލާދީ ޝަހީދު ކޮށްލި 12 އަހަރުގެ ކުޑަކުއްޖާގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އިޒްރޭލް ސިފައިން ހަމަލާދީ އެ ޖަނާޒާގައި ބައިވެރިވި ޒުވާނަކު ޝަހީދުކޮށްލައިފިއެވެ.

20 އަހަރުގެ ޝައުކަތު ޚާލިދު އަވާދު ޝަހީދުކޮށްލާފައިވަނީ ޖަނާޒާގެ ކަންތަކުގައި އުޅެނިކޮށް އެތަނުގައި ހަރަކާތްތެރިވި މީހުންގެ ތެރެއަށް އިޒްރޭލް މީހުން އަސްލު ވަޒަނާއި ރަބަރު ވަޒަން އަދި ކަރުނަ ގޭސް ޖެހުމުގެ ތެރޭގައި ޝައުކަތުގެ ބޮލަށާއި ބަނޑަށް ވަޒަން އެރުމުގެ ސަބަބުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ބުދަދުވަހު ޝަހީދުކޮށްލެވުނު 12 އަހަރުގެ އާލަމީ ވަޅުލަން ގެންދެވުނީ ފަތަހް ޖަމާއަތުގެ ދިދަ އޮޅާލައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަނާޒާގެ ތެރެއަށް އިޒްރޭލް ސިފައިން ހަމަލާދޭން ފެށުމުން ފަލަސްތީން އެތައް ސަތޭކަ ރައްޔިތުން ވަނީ އިޒްރޭލް ސިފައިންނާއި ދިމާލަށް ގާ އުކާފައެވެ.

ބުދަ ދުވަހުގެ ހަމަލާއަށް ފަހުވެސް އިޒްރޭލުން ބުނި ފަދައިން މި ފަހަރުގެ ހަމަލާއަށް ފަހުވެސް އިޒްރޭލް ސަރުކާރުން ވަނީ އެމީހުން ދަނީ އެ މައްސަލަ ތަހުގީގް ކުރަމުން ކަމަށް ބުނެފައެވެ. މި ހަފްތާގައި ކޮންމެ ދުވަހަކު ގޮތަކަށް އިޒްރޭލް ސިފައިން ދަނީ ފަލަސްތީން މީހުން ޝަހީދު ކުރަމުންނެވެ.