Last Updated: April 16, 09:23
Tuesday, April 16, 2024
ޚަބަރު

ތައިލޭންޑްގައި ކޮވިޑް ޕޭޝަންޓުން ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރިއްޖެ

ތައިލޭންޑުގައި ޑެލްޓާ ވޭރިއަންޓް ފެތުރި ހާލު ދެރަވަމުންދާ މީހުން ގިނަވުމާއި ގުޅިގެން ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގެ އެނދުތައް ފުރިފައިވާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19ގެ ނުރައްކާ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް އެ ގައުމުން ފެނުމާއި ގުޅިގެން މި ބަލި ފެތުރޭ ސްޕީޑްވަނީ ހަލުވިވެފައެވެ. އެޅިފައިވާ ހަރުކަށި ފިޔަވަޅުތަކާއި ރޭގަނޑުގެ ކާފިއުއަށް ފަހުވެސް ބަލިޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ބުރާސްފަތި ދުވަހު އެކަނި ވެސް ތައިލޭންޑުން ކޮވިޑަށް 17669 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި 165 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. ހޮސްޕިޓަލްތަކުން ދަނީ މީހުން ދިޔުމުން އެނދު ނެތް ކަމަށް ބުނަމުންނެވެ. އައިސީޔޫގައި 10 އެނދު ހުންނަ ހޮސްޕިޓަލް ތަކުގައި ވެސް 12 އެނދު އެތަނަށް ވައްދައިގެން މީހުންނަށް ފަރުވާ ދެވޭތޯ ބަލަމުންދާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަލިމީހުންނަށް ބޭސް ފޯރުކޮށްދިނުމުގައި ވެސް ދަތިތަކާއި ކުރިމަތި ލާންޖެހޭ ކަމަށް ހޮސްޕިޓަލްތަކުން ވަނީ ބުނެފައެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ހޮސްޕިޓަލަކުން 4000 ވަރަކަށް ކޮވިޑް ޕޭޝަންޓުންނަށް ފަރުވާ ދެމުންދާއިރު އަސްލު އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށާއި ހެލްތް ކެއާ މުވައްޒަފުންނަށް މި ގޮތަށް ދާކަމަށްވާ ނަމަ ކުރިޔަށް އޮތްތަނުގައި ނުހިފެހެއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.