Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ޓެރަރިޒަމާއި ދެކޮޅަށް އެންމެ ހަރުދަނާކޮށް މަސައްކަތް ކުރެއްވީ ޔާމީން

ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް އެންމެ ހަރުދަނާކޮށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި އެންސީޓީސީ އުފެއްދެވި ކަމަށާއި ދެން ވެސް ކަމެއް ކުރެވޭނީ ޔާމީން އަށް ކަމަށެވެ.

"ރައީސް ނަޝީދު އާއި ރައީސް ސޯލިހު އެއްގަލަކަށް އަރުއްވައިގެން ވެސް ހައްދުފަހަނައެޅުމާއި ދެކޮޅަށް ކޮންމެވެސް ކަމެއް ކުރެވޭތޯ ބައްލަވާ" އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ނަޝީދު މިފަހަކަށް އައިސް އަންނަނީ ވަރަށް ބޮޑަށް ވާހަކަދައްކަވަމުންނެވެ. އެގޮތުން ދާދިފަހުން ނަޝީދު ވަނީ ހަރުކަށި ފިކުރުގެ މީހުން ހޯމް މިނިސްޓްރީ، ފުލުހުންގެ އިދާރާ، ސިފައިން، ކަސްޓަމްސް، އެޑިއުކޭޝަން މިނިސްޓްރީގައި ތިބިހާ ހިނދަކު ހަރުކަށި ފިކުރު ނައްތާލުމަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ރިފޯމް ކުރަންވީ މި އިދާރާތައް، އަދި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ނެތްކަން ޔަގީން ކުރަންޖެހޭ" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު އެ ހަމަލާ ގުޅެނީ ހަރުކަށި ފިކުރުގެ މީހުންނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.