Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އަންޑޭ އެމްއެންޕީ އަށް ސޮއިކޮށްފި

ކުރީގެ އިކޮނޮމިކް މިނިސްޓަރ އަޙްމަދު މުޙައްމަދު (އަންޑޭ) މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)އާއި ގުޅިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް، (ކާނަލް ނާޒިމް) އިސްވެ ހުންނަވައިގެން އުފައްދާ އެމްއެންޕީ އަށް އަންޑޭ ސޮއިކުރިކަން އެ ޕާޓީން ވަނީ ޓްވީޓެއްގެ ޒަރިއްޔާއިން ހާމަކޮށްފައެވެ.

އަންޑޭ އަކީ ދައުލަތުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރ ކަމާއި، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްގެ މަޤާމާއި، ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަޤާމުވެސް އަންޑޭ ވަނީ ފުރުއްވާފަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުވެސް އަންޑޭ ވަނީ އަދާކުރައްވާފައެވެ.

އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމަށް ދާދިފަހުން ވަނީ މާލޭގައި ޕާޓީގެ އޮފީހެއް ވެސް ހުޅުވާފައެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިވަޑައިގެންފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ.