Last Updated: April 26, 10:11
Friday, April 26, 2024
ޚަބަރު

ޔޫއޭއީ އަދި އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އަދި އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ގްރީން ލިސްޓަކީ ކޮވިޑް-19 ފެތުރޭ މިންވަރު ބަލައި، އެންމެ ރައްކާތެރި ގައުމުތައް ހިމެނޭ ގޮތަށް ޔޫއޭއީ އަދި އަބޫދާބީގެ ޑިޕާޓްމެންޓް އޮފް ކަލްޗާ އެންޑް ޓުއަރިޒަމުން ތައްޔާރުކުރާ ލިސްޓެކެވެ.

މިއަހަރު ފެބްރުއަރީން ފެށިގެން ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން އެ ލިސްޓުން ރާއްޖޭގެ ނަން ވަނީ އުނިކޮށްފައެވެ. އެހެން ނަމަވެސް ކޯވިޑް ކޭސްތައް މަދުވެ ހާލަތު ރަނގަޅުވުމުން ޔޫއޭއީ އަދި އަބޫދާބީގެ ގްރީން ލިސްޓުގައި ރާއްޖޭގެ ނަން އަނެއްކާ ވެސް ވަނީ ހިމަނާފައެވެ.

ޔޫއޭއީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުތަކުން ދަތުރު ކުރާއިރު ނެގެޓިވް ޕީސީއާރު ނަތީޖާ ހިފައިގެން ދިޔުމުން އެ ގައުމަށް ގޮސް ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ގްރީން ލިސްޓްގައި ހިމެނުމުން، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދިވެހިންނަށް އެ ޤައުމަށް ކަރަންޓީން ވުމެއްނެތި ދަތުރުކުރެވޭނެއެވެ.

ޔޫއޭއީގެ މި ލިސްޓުގައި މިފަހަރު ރާއްޖޭގެ އިތުރުން ހިމަނާފައިވާ ޤައުމުތަކަކީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސާބިއާ، ބަހްރެއިން، ބުރުނާއީ، ބަލްގޭރިއާ އަދި ޔޫކްރެއިންއެވެ. މީގެ އިތުރުން މި ލިސްޓުން މިފަހަރު ވަނީ 12 ގައުމެއް އުނިކޮށްފައެވެ.

އަބޫދާބީގެ ގްރީން ލިސްޓްގައި ހިމެނޭ ގައުމުތަކުން އެގައުމަށް ދަތުރުކުރާ ފަރާތްތަކުންވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަ ކަރަންޓީން ވާން ނުޖެހެއެވެ. އެހެން ނަމަވެސް އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދާނެ ކަމަށާއި އަދި އެ ޓެސްޓް 6 ދުވަސް ފަހުން ރިޕީޓް ކުރަން ޖެހޭނެ ކަމަށް ވެސް އެ ގައުމުން ވަނީ ހާމަ ކޮށްފައެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން އޮންނަ އުސޫލުގެ ދަށުން ކަރަންޓީން ވާން ޖެހޭނެ ކަމަށާއި އޮންއެރައިވަލް ޕީސީއާރް ޓެސްޓް ހެދުމަށްފަހު އޭގެ ފަހުން 6 ވަނަ އަދި 12 ވަނަ ދުވަހު ވެސް އެ ޓެސްޓް ރިޕީޓް ކުރަންޖެހޭނެ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ދުބާއީގެ މިފަހަރު އާ ކުރެވުނު ގްރީން ލިސްޓަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައިވަނީ 31 ޖުލައި އިން ފެށިގެންނެވެ.