Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ގްރީލިޝް ހޯދަން ސިޓީން 100 މިލިއަން ޕައުންޑްގެ ބިޑެއް

އެސްޓަންވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ހޯދަން 100 މިލިއަން ޕައުންޑްގެ ބިޑެއް މެންޗެސްޓަރ ސިޓީން ހުށަހަޅައިފިއެވެ.

މި ހުށަހެޅުން އެސްޓަންވިލާ އިން ގަބޫލުކޮށްފިނަމަ ގްރީލިޝް ވެގެންދާނީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ ބޮޑު އަގަކަށް ކްލަބް ބަދަލުކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޕްރިމިއާ ލީގުގެ ރެކޯޑު ޓްރާންސްފާ އަކީ ޔުވެންޓަސް އިން މެންޗެސްޓަރ ޔުނައިޓެޑަށް ޕޯލް ޕޮގްބާ ބަދަލުވި ޓްރާންސްފާއެވެ. އެގޮތުން ޕޮގްބާ ޔުނައިޓެޑަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގްރީލިޝް މިވަގުތު ޗުއްޓީގައި ހުރިއިރު އެސްޓަންވިލާގެ ފަރިތަކުރުންތަކުގައި އަންނަ ހޯމަ ދުވަހު އޭނާ އަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ ހަފްތާގައި ކުރިމަގާ މެދު ނިންމާ ގޮތެއް ގްރީލިޝް އެސްޓަންވިލާ އަށް އަންގާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގްރީލިޝް ހޯދަން ސިޓީން ބިޑުކޮށްފައިވާއިރު އެސްޓަންވިލާ އިން އަންނަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ގްރީލިޝް ހޯދަން ސިޓީން މަސައްކަތް ފެށީ ޓޮޓެންހަމްގެ އިތުބާރު ފޯވާޑް ހެރީ ކޭން ހޯދުމަށް ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބުމުންނެވެ. މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމް ދޫކޮށްލަން ކޭން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނާއިރު ޓޮޓެންހަމް އިން އަންނަނީ އޭނާ ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.