Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އިޒްރޭލް ސިފައިންނާއި ކުރިމަތިލާން ނިކުތް ފަލަސްތީނުގެ 270 މީހުންނަށް އަނިޔާ ވެއްޖެ

އިޒްރޭލް ސިފައިންނާއި ކުރިމަތިލާން ނިކުތް ފަލަސްތީނުގެ 270 މީހުންނަށް އަނިޔާ ވެއްޖެއެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާ ގޮތުގައި ވެސްޓް ބޭންކް ސަރަހައްދުގެ ބައިތާ ވިލެޖްގައި ހިނގި މި ކުރިމަތިލުމުގައި އަނިޔާ ވެފައިވަނީ ބޮޑަށް ކަރުނަ ގޭހުގެ ސަބަބުންނެވެ. މީގެ އިތުރުން އަސްލު ވަޒަން އެރުމުގެ ސަބަބުން 5 މީހަކު ޒަޚަމްވެ، ރަބަރު ވަޒަނުގެ ސަބަބުން 50 ވަރަކަށް މީހުންނަށް ވަނީ ބޮޑެތި އަނިޔާ ލިބިފައެވެ.

އިޒްރޭލުގެ ސިފައިން ބުނެފައިވާ ގޮތުގައި 150 އެއްހާ ފަލަސްތީނު ރައްޔިތުން ވަނީ އެމީހުންނާއި ދިމާލަށް ގަލާއި އަލިފާން ރޯކޮށްފައިވާ ޓަޔަރުތައް އުކާފައެވެ. އޭގެ ޖަވާބުގެ ގޮތުން އިޒްރޭލްގެ ސިފައިން ރަބަރު ވަޒަން ބޭނުން ކުރި ކަމަށް އެމީހުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އަސްލު ވަޒަން ބޭނުންކުރި ކަމަކަށް އެމީހުން ބުނެފައެއް ނުވެއެވެ.

ބުދަދުވަހު ޝަހީދުކޮށްލެވުނު 12 އަހަރުގެ އާލަމީގެ ޖަނާޒާ ކުރިޔަށް ދަނިކޮށް އެތަނަށް ހަމަލާދީ ބުރާސްފަތި ދުވަހު ވެސް އިޒްރޭލް ސިފައިން ވަނީ 20 އަހަރުގެ ޝައުކަތު ޚާލިދު އަވާދު ނަމަކަށް ކިޔާ ޒުވާނަކު ޝަހީދު ކޮށްލާފައެވެ.

ކޮންމެ ހަމަލާ އަކަށްފަހު އިޒްރޭލްގެ ސިފައިން ދަނީ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ބުނެފައެވެ. އެހެނަސް ތަހުގީީގްގެ ރިޕޯޓެއް އަދި އޭގެ އެއްވެސް ތަފްސީލެއް މިހާތަނަށް އިޒްރޭލުން ދީފައެއް ނުވެއެވެ.