އަބްދުﷲ ޝާހިދު ފޮރިން މިނިސްޓަރުކަމުގައި ހުންނަވައިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ގައުމު މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް އާއި ޕީއެންސީ އިން ގައުމީ ކެމްޕެއިނެއް ފެށުމަށް ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ މިނިސްޓަރު ކަމުގައި ހުންނަވައިގެން އިތުރު މަގާމެއްގައި އަދާކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްކަން ގާނޫނު އަސާސީގެ 136 ވަނަ މާއްދާ އިން ސާފުކޮށް އެނގޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކުރާ ކޮންމެ ވެރިކަމަކީ ޢައިރު ގާނޫނީ ވެރިކަމެއް ކަމަށެވެ.
"ފޮރިން މިނިސްޓަރުގެ ވަޒީފާގައި ހުންނަވައިގެން އެހެން އެއްވެސް ތަނެއްގައި ވަޒީފާއެއްގެ މަސައްކަތުގައި ހުރުމަކީ މުތުލަޣުކޮށް ގާނޫނު އަސާސީއާ ހިލާފު ކަމެއް. ކަނޑައެޅިހެން އެނގި ހުންނަވައިގެން ވެރިކަން ކުރުން އެކަނިވެސް ފުދޭ މި ސަރުކާރާ ދެކޮޅަށް ނިކުމެ މިކަން ނިންމަން،" ޖަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޖަމީލް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރައި ހުރިހާ ކަމެއްގެ "މައިޗާބި" ހިއްޕަވައިގެން ހުންނެވީ ޝާހިދު ކަމަށެވެ. އަދި އޭނާ ވަނީ ރާއްޖޭގެ މިނިކަން ދިފާއު ކުރުމަށް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމްޑީޕީ ވެރިކަމުން ދުރުކުރުން ކަމަށެވެ.
"މިނިވަންކަން މިއަދު ހިމާޔަތްކުރަން ބޭނުން ކަމަށްވާނަމަ ޕީޕީއެމް އާއި ޕީޕީއެމްގެ ކުލަ ޖެހިފައި ތިބި ބަޔަކާއި އެ ކުލަ މާޒީގައި ޖެހިފައި ތިބި ބަޔަކާއި އެ ކުލައަށް ލޯބިކުރާ ބަޔަކު އެ ކުލަ ބޭނުންކޮށްގެން ސިޔާސީ ފައިދާއެއް ހޯދަން އުޅޭ ބަޔަކާއި އެންމެން ނިކުމެ ބުނަންވީ އަހަރަމެން މި ތިބީ ކަލޭމެންނާ ގުޅެންށޭ. މި ނޫން އެއްވެސް ހައްލެއް ނެތް،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލްވަނީ ޕީޕީއެމް އާއި ޕީއެންސީ ކުރާ އެ މަސައްކަތުން ކުރީގެ ރައީސް އަބްދުﷲ ޔާމިން އަލުން ރާއްޖޭގެ ވެރިކަމަށް ގެނެވޭނެ ވެސް ކަމަށް ވިދާޅުވެފައި އެވެ.
" މިނިވަންކަން ޕީޕީއެމް ޕީއެންސީ އިރާދަކުރެއްވިއްޔާ ހިމާޔަތްކޮށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ގެންނަވައިގެން މި ޕޯޑިއަމްގައި ހިތާބު ކުރައްވާނެ." ޖަމީލް ވިދާޅުވި އެވެ.