Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

ޑެލްޓާ ވޭރިއަންޓް ސާސް އާއި އެބޯލާ އަށްވުރެ ބާރަށް ފެތުރޭ

ކޮވިޑްގެ ޑެލްޓާ ވޭރިއަންޓް ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް(ސާސް) އަަދި އެބޯލާ ވައިރަހަށްވުރެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން(ސީޑީސީ) އިން ބުނެފިއެވެ.

ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެމެރިކާގެ އިތުރުން ދުނިޔޭގައި މި ވޭރިއަންޓް ފެނިފައިވާ ގިނަ ގައުމުތަކުގެ ސިއްޚީ ނިޒާމް ވަނީ ފުނޑުފުނޑު ކޮށްލާފައެވެ. ޑެލްޓާ ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިއާއިން ކަމުގައި ވިޔަސް މި ވޭރިއަންޓް މިހާރު ދަނީ ވަރަށް ގިނަ ގައުމުތަކުން ފެނިފައެވެ. މި ވޭރިއަންޓާއިއެކު ގައުމުތަކުގައި މި ބަލީގައި މަރުވާ މީހުންގެ ނިސްބަތް ވެސް ވަނީ ބޮޑުތަނުން ގިނަވެފައެވެ.

ވެކްސިން ޖެހުމުން މިބަލިން ރައްކާތެރިވާނެ ކަމަށް ބެލެވުނު ކަމުގައި ވިޔަސް މިހާރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވެކްސިން ދިން ކަމުގައި ވިޔަސް މާސްކް އަޅާ، ސެނަޓައިޒް ކޮށް މިފަދަ ހުރިހާ ކަމެއް ކުރަން ޖެހޭނެއެވެ. ވެކްސިން ޖަހާފައި ތިބި އެތައް ބަޔަކަށް ވެސް ވަނީ ޑެލްޓާ ވޭރިއަންޓާއި ކުރިމަތިލާން ޖެހިފައެވެ.

އެހެން ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން މި ބަލި ޖެހުމުން ބޮޑުވަރު ވުމުން ސަލާމަތް ކޮށްދޭ ކަމަށާއި، ބަލިވެގެން އެޑްމިޑް ކުރަންޖެހޭ މީހުން މަދުވާނެ ކަމަށް ސީޑީސީން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.

ސީޑީސީގެ ޑިރެކްޓަރ ރިޝެލް ވޮލަންސްކީ ބުނެފައިވާ ގޮތުގައި ވެކްސިން ޖަހާފައިތިބޭ މީހުންނަށް ޑެލްޓާ ވޭރިއަންޓް ޖެހުމުން އެމީހުންގެ އަނގައާއި ނޭފަތުގެ ތެރޭގައި ގިނަ އަދަދަކަށް ވައިރަސް ހަރުލާފައި ހުރެއެވެ.

އެމެރިކާގައި 35 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އޭގެ ތެރެއިން 6 ލައްކަ 13 ހާސް މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.