Last Updated: April 25, 10:40
Thursday, April 25, 2024
ރިޕޯޓް ޕީޕީއެމް

ޕީއެންސީގެ ރައީސް، ޕީޕީއެމްގެ ފޯމްތަކާ ހަވާލުވުން: އަދުރޭ މި ހަދަނީ ކިހިނެތް؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޕޕީއެމްއަށް ސޮއިލކުރި ރުކުމާގެފޯމާ ހަވާލުވަނީ

ޕާޓީގެ ރައީސަކު އެހެން ޕާޓީތަކުގެ ފޯމްތަކާ ހަވާލުވެ، އެހެން ޕާޓީއެއްގެ ކުލަ ރަމްޒުވާ ޓައީއެއް އަޅުއްވައިގެން ހަރަކާތްތެރިވުމަކީ ސިޔާސީ މަޝްރަހްގައި މީގެ ކުރިން ދުށް މަންޒަރެއް ނޫނެވެ. ޕާޓީތަކާ ކޯލިޝަން ހަދައިގެން އުޅޭއިރުވެސް އެ ޕާޓީއަކުން ތަމްސީލް ކުރަނީ އެމީހަކު ނިސްބަތްވާ ޕާޓީއެކެވެ. ހާއްސަ ހާލަތްތަކެއްގެ މެނުވީ އެވެ. އެހެން ނަމަވެސް ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް މި ހަރަކާތްތެރިވަނީ މުޅިން ތަފާތުކޮށެވެ. މިކަން ބައެއް މީހުނަށް ޖޯކަކަށްވެސްވެ އެވެ.

ޕީޕީއެމަށް މީހަކު ސޮއިކުރުމަށް ބާއްވާ ހަފްލާއެއްގައި ފޯމާ ހަވާލުވެވަޑައިގަންނަވަނީ މީގެ ކުރިން ޕީޕީއެމްގެ ނައިބު ރައީސްކަމުގައި ހުންނެވި މިހާރު ޕީއެންސީގެ ރައީސް އަބްދުއްރަހީމެވެ. މިކަން ބައެއް މީހުނަށް ޖޯކަކަށްވަނީ އިދާރީ ގޮތުން ފޯމާ ހަވާލުވަނީ އާއްމު ގޮތެއްގައި ޕާޓީތަކުގެ އިދާރީ އެންމެ އިސްކޮށް ހުންނަވާ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް ކަމަށްވާތީ އެވެ. ޕާޓީގެ ލީޑަރޝިޕް ކަމަށް ބެލި ނަމަވެސް ޕާޓީގެ ރައީސް ނެތް ހާލަތްތަކުގައި ޕާޓީގެ ނައިބު ރައީސުކުރެ ބޭފުޅުންނެވެ. ޕީޕީއެންސީން އެ ހަފްލާއެއްގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އާއްމު ކަމެއް ގޮތުގައި ކޮންމެ ފޯމަކާއި ޕީޕީއެމްއަށް ނިސްބަތްވާ މީހެއް ގޮތުގައި އެހެން ޕާޓީއެއްގެ ރައީސަކު ފޯމާ ހަވާލުވުން ޕީޕީއެމްގެ ލީޑަރޝިޕް ކޮބާތޯ ސުވާލު އުފެދެ އެވެ.

ޕީއެންސީ އާއި ޕީއެމްއަކީ ދެ ޕާޓީއެއް
ޕީއެންސީ އުފެއްދީ 2019 ވަނަ އަހަރު ޕީޕީއެމް އުވިދާނެ ކަމުގެ ބިރަށް އޭގެ ފަރުވާއަށެވެ. ޕީއެންސީއަށް ބަދަލުވީ ޕީޕީއެމްގެ މެމްބަރުންތަކެކެވެ. ނަމަވެސް ޕީޕީއެމްވެސް އޭގެ ގޮތުގައި ބާއްވާ ދެ ޕާޓީން ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައިސް ޕީޕީއެންސީ އާއި ޕީޕީއެމް ކޯލިޝަނުގެ އެންމެ އިސްވެރިއަކަށް އަބްދުއްރަހީމް ހަމަ ޖެހުނީ ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ޖަލު ހުކުމެއް އައުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ދެ ޕާޓީ ދެމެދުގައި އޮތީ އެއް ޕާޓީ އަނެއް ޕާޓީ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެކެވެ. ޕީއެންސީ ރަމްޒްކޮށްދޭ ކުލައަކީ މަޑު ފެހި ކުލައެކެވެ. ޕީޕީއެމް ރަމްޒްކޮށްދެނީ އަސުރުމާ ކުލަ އެވެ. ނަމަވެސް ޕީއެންސީ ޕީޕީއެމް ކޯލިޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކުގައިވެސް އަބްދުއްރަހީމް ފެންނަނީ ހަމަ އެކަނި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެވެ. ޕީޕީއެމް އެކަންޏަށް ނިސްބަތްވާ ހަރަކާތްތަކުގައި އިސްކޮށް އަބްދުއްްރަހީމް ފެންނާތީ އަބްދުއްރަހިމަކީ ޕީޕީއެމް ހިންގުމާ ވެސް ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަރާތްތޯ ސުވާލު އުފެދެ އެވެ. އެހެން ނަމަ ޕާޓީއެއް ނިސްބަތްނުވާ މީހަކަށް ޕާޓީ ހިންގުމާ ހަވާލުވެވިދާނެތޯ އެއީ ގާނޫނީ ގޮތުން އުފެއްދިދާނެ ސުވާލެކެވެ.

ޕީޕީއެމް އިން ވަކިކޮށްފައި ހުއްޓާ ޕީޕީއެމް ތަމްސީލްކުރި ކަމަށްބުނެ ފާރިޝްއަށް ދައުވާކުރި

ޕީޕީއެމްގެ ފައުންޑަރ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ދައުވާ 2017 ވަނަ އަހަރުކޮށްފައިވެ އެވެ. ޕީޕީއެމް އިން އޭރު ފުލުސް އޮފީހަށް ހުށައެޅި އެ މައްސަލަގައި ފާރިސްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާންވެސް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް އެ ހުކުމް ފަހުން ހައިކޯޓުން ބާތިލްކުރި އެވެ. އެހެން ކަމުން ޕީޕީއެމް ނޫން މީހަކު ޕީޕީއެމްގެ ދިދަ އާއި އެ ޕާޓީ ރަމްޒުކޮށްދޭ ގޮތައް ބޭނުން ކުރުމަކީ އެ ޕާޓީގެ އަސާސްތަކާއި ވިސްނުމާ ހިލާފު ކަމެއްކަން އެނގެ އެވެ. ނަމަވެސް ޕީޕީއެމް އަށް އަލަށް މެމްބަރުން ސޮއިކުރަން ބާއްވާ ހަފްލާތަކުގައި މުޅިންވެސް އަބްދުއްރަހީމް ހުންނަވާތަން ފެންނަނީ ޕީޕީއެމްއަށް ނިސްބަތްވާ އަސުރުމާ ކުލައިގެ ޓައީއެއްގައިއެވެ. ރޭ ޕީއެންސީ އާއި ޕީޕީއެމް ގުޅިގެން ފެށި މިނިވަންކަން ހިމާތްކުރުމުގެ ގައުމީ ކެމްޕެއިންގައިވެސް ޕީއެންސީ ތަމްސީލްކުރުމުގެ ބަދަލުގައި އަބްދުރަހީމް ފެނިގެން ދިޔައީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އެެވެ. ޕީއެންސީގެ އެއްްވެސް ސިޔާސަތެއް ވިސްނުމެއް ނެތެވެ. މުޅިންވެސް އައީ ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ވިސްނުމުގެ ވާހަކަ އެވެ.

އަދުރޭގެ މި އަމަލުތައް ބައެއް މީހުންގެ ސަމާލުކަމަށް އަންނަނީ ޕާޓީ ތަމްސީލް ކުރުމުގައި މުޅިންވެސް އެހެން ޕާޓީއެއް ތަމްސީލްކުރާހެން ހީވާތީ ކަމަށްވެދާނެ އެވެ. ދާދިފަހުން ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތުގައި އެންމެ އިސްކޮށް އަބްދުއްރަހީމް ފެނިގެންގޮސްފައިވާއިރު އަމިއްލަ ޕާޓީއަށް މި ފަހުން މެމްބަރަކު ވަން ތަނެއްވެސް ފެނިގެން ގޮސްފައިނުވެ އެވެ. އަދި ޕީއެންސީ ޕްރޮމޯޓްކުރާތީވެސް ނުފެނެ އެވެ. އަދިއެހެންމެ ޕީއެންސީއަށް މެމްބަރުން އިތުރުކުރަން މަސައްކަތްކުރާތަންވެސް ނުފެނެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަން އެއްބަސްވުން ބަދަލު ކުރެވެނީ:-އަބްދުއްރަހީމް މިހާރު ފެންނަނީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އިންތިހާބެއް ކާމިޔާބު ނުކުރިއަސް އަދި މާބޮޑު ހަރަކާތެއް ނެތަސް ޕާޓީތައް ހިންގަން ދައުލަތުން ފައިސާ ދޭ ކަމުގެ ކަންބޮޑުވުން ފާހަގަކުރާ ދަނޑިވަޅުގައި ޕީއެންސީ އަކީ ވެސް ރަނގަޅު މިސާލަކަށްވެދާނެ އެވެ.