Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސާއިދު ފުރަތަމަ ބުރަށް ކޮލިފައި ނުވެ މުބާރާތް ނިންމާލަން ޖެހިއްޖެ

ޓޯކިޔޯގައި އޮލިމްޕިކްސް 2020ގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރަށް ކޮލިފައި ނުވެ ހަސަން ސާއިދު ނިންމާލަން ޖެހިއްޖެއެއެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ހީޓުން ލިބުނީ ހަތަރުވަނައެވެ. މި ހީޓްގައި ދުވެ ސާއިދު ރޭސް ނިންމީ 10.70 ސިކުންތުންނެވެ. މި ހީޓުގެ 1ވަނައަށް ދިޔައީ 10.32 ސިކުންތުން ރޭސް ނިންމި ޒިމްބާބްވޭގެ މަކޫސާ އެންގޯނީއެވެ. 2ވަނައަށް ދިޔައީ ޓޯގޯގެ ފަބްރީސް ޑަބްލާ ރޭސް ނިންމީ 10.57 ސިކުންތެވެ. 3ވަނައަށް ދިޔަ ނިކަރާގުއާގެ އެލިއަތު ރޮމޭރޯ ރޭސް ނިންމީ 10.62 އިންނެވެ.

2016ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ކުރިއަށްދިޔަ އޮލިމްޕިކްސްގެ ޕްރިލިމިނަރީ ހީޓުގެ އެއްވަނައިގެ ގޮތުގައި ފުރަތަމަ ބުރުން ސާއިދު ފުރުސަތު ހޯދިއެވެ. އެފަހަރު ސާއިދުގެ ޓައިމިންގއަކީ 10.43 ސިކުންތެވެ. އެ އަހަރަށްވުރެ ސާއިދުގެ ދުވުން މި ފަހަރު މިވަނީ ކުޑަތަންކޮޅެއް ލަސްވެފައެވެ. މިފަހަރުގެ އޮލިމްޕިކްސްގައި އުއްމީދުކުރިވަރުގެ ކާމިޔާބެއް ސާއިދަށް ނުލިބުނެވެ.

އެހެން ނަމަވެސް މިހާތަނަށް ސާއިދު ވަނީ މުހިންމު ދެ ގޭމްސްއަކުން ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ. އެއީ 2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމާއި، 2019ގެ ސައުތް އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލްއެވެ. މީގެ އިތުރުން ސާއިދު ވަނީ އިންޑިއަން ގްރޯން ޕްރީ އާއި މެލޭޝިއަން އޯޕަން އިން ރަން މެޑަލް ހޯދައިފައެވެ.

ސާއިދަކަށް ޒުވާން ކުޅަދާނަ ހުނަރުވެރިއެއް ކަމުން އަދި މިއީ ނިމުމެއް ނޫނެވެ. އިތުރު ހިތްވަރާއެކު މަސައްކަތް ކޮށްލެވިއްޖެނަމަ ކުރިޔަށް ހުރި އެހެން މުބާރާތްތަކުގައި މާޒީގައި ހޯދިފަދަ ރަން ވަނަތަކެއް ހޯދޭނެކަން ޔަގީނެވެ.