Last Updated: July 21, 18:02
Wednesday, July 22, 2026
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އިން ބިޑުކޮށްފި

ސާފް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު އުފާފާޅުކުރަނީ - ފޮޓޯ: އެފްއޭއެމް

މި އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ ސާފް ޗެމްޕިއަންޝިޕް ބާއްވަން ރާއްޖެ އިން ބިޑުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ހިފާފާއިވާ އަމާޒުގެ ތެރެއިން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑުކޮށްފައިވާ ކަމަށެވެ.

އަދި މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ބައްސާމް ޝުކުރު އަދާކުރެއްވިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ މުބާރާތް ވަނީ މިއަހަރަށް ފަސްކޮށްފައެވެ. އެގޮތުން ސާފް އިން އަންނަނީ އަންނަ މަހުގެ ކުރީކޮޅު މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅައި، މި މުބާރާތް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

މުބާރާތް ބޭއްވުމުގެ ފުރުސަތު އެންމެ ފުރަތަމަ އޮތް ބަންގްލަދޭޝް އިން އެ ފުރުސަތު ދޫކޮށްލާފައިވާއިރު މުބާރާތް ބޭއްވުމުގެ ޝައުގުވެރިކަން ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލުން ވެސް ވަނީ ފާޅުކޮށްފައެވެ.

ރާއްޖޭން މިހާތަނަށް މި މުބާރާތް ބޭއްވީ ލަންކާއާ ގުޅިގެން 2008 ވަަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ ރާއްޖެ އިންނެވެ.