Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ފޯކައިދޫ ބަނދަރު މަސައްކަތުގެ 41 އިންސައްތަ ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިފައިވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން މައުލޫމާތުދެއެވެ. އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.