ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބިނާކުރަނީ ފާސިގު ހެކިތަކެއްގެ މައްޗަށްކަމަށް އެމަނިކުފާނުގެ ގާނޫނީވަކީލް އަދި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށްފަހު ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ޤާނޫނީވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ، މައްސަލައާ ގުޅިގެން ބޮޑު ކަންބޮޑުވުމެއް އޮތްކަމަށެވެ.
އެގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިހާރު އުފުލާ ދައުވާތަކަކީ ރާއްޖޭގެ ދުސްތޫރާއި ގެނެސްފައިވާ އިސްލާހީ މަސައްކަތާއި މުޅިން ފުށުއަރާގޮތަށް ހުށަހަޅާ ދައުވާތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ. ޤާނޫނުއަސާސީން ޕްރޮސިކިއުޓަ ޖެނެރަލަކީ މިނިވަން މުސްތަޤިއްލު ފަރާތެއްކަމަށް ބުނެފައިވީނަމަވެސް މިހާރު ކުރާ ދައުވާތަކަކީ ސަރުކާރުން ބޭނުންވެގެން ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ކުރާ ދައުވާތަކެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ މިއަދު ޝަރިއަތަަށް ދައުލަތުން ހުށަހެޅި ހެކިންވެސް އެނގެނީ ރައިސް ޔާމީންގެ މައްޗަށް އުފުލަމުންދާ ދައުވާތަކަކީ ތާސިޤު ވެފައިވާ ހެކިތަކެއްގެ މައްޗަށް އުފުލާ ދައުވާތަކެއްކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފްވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ދައުލަތާއެކު އިއުތިރާފްގެ އެއްބަސްވުން ހަދާ ލުއި ހޯދާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދޭ މަތިންކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވީ ދައުލަތުން ހާމަކޮށްފައިވާ ހެކިތަކާއި ރައީސް ޔާމީނާއި ގުޅުވޭނެ ގޮތެއް ނެތްކަމަށާއި، އެ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރުގެ އެޖެންޓެއްގެ ގޮތުގައި ގާނޫނުއަސާސީއާއި ޤާނޫނީ ހަމަތަކާއި ހިލާފަށްކަމަށް ޖަމީލް ވިދާޅުވިއެވެ.