Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ކޭސްތައް ގިނަވެ، ކުޅުދުއްފުށީގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސް ވާތީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

މަނާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަގުމަތީގައި އުޅުމާއި، އަދި ގްރޫޕް ހަދައިގެން މޫދަށް ދިޔުން ހިމެނެއެވެ. މީގެ އިތުރުން ޕާކު ތަކާއި މައިޒާންތައް ބަންދުކޮށް އެތަންނަށް ދިޔުމާއި މުހިއްމު ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ދިޔުންވެސް މިވަގުތައް ވަނީ މަނާކޮށްފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރެވުނު ކަމަށާއި އޭގެ ތެރެއިން ހަތް ފަރާތެއް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ކުޅުދުއްފުށި ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެންދާނެ ފިޔަވަޅެއް ކަމަށާއި އެގޮތުން ފުލޫ އޯޕީޑީއަށް އައިސް ނުވަަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސްކޮށްގެން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްގެންދަން ވަނީ އެދިފައެވެ.

އަދި ކަރަންޓީނުގައި ތިބި ފަރާތްތަކުން ވެސް އެންމެންގެ ރައްކަލަށްޓަކައި ކަރަންޓީނުގެ އުސޫލުތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހުމާއި ރޯގާގެ އަސަރު ހުރެގެން ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ޕޮޒިޓިވްވެ ކުޅުދުއްފުށި މިދިޔަ ހޮނިހިރު ދުވަހު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ. އަދި އެ ރަށުގައި އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.