1-0 އިން ޕީއެސްޖީ ބަލިކޮށް ލިލް އިން ފްރެންޗު ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.
ފްރެން ސުޕަ ކަޕް މެޗަކީ ނިމިގެންދިޔަ ސީޒަނުގެ ފްރެންޗް ލީގު ހޯދި ޓީމާއި ފްރެންޗް ކަޕް ހޯދި ބައްދަލުކުރާ މެޗެވެ. އެގޮތުން މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ކާމިޔާބުކުރީ ލިލް އިންނެވެ.
އާ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ފްރެންޗް ސުޕަ ކަޕްގެ މެޗަށް ރޭ ޕީއެސްޖީން ނިކުތީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ކިލިއަން އެމްބާޕޭ އާއި ނޭމާ އާއި ނުލައެވެ. ނަމަވެސް ރޭގެ މެޗަށް ޕީއެސްޖީން ނެރުނު ފުރަތަމަ އެގާރާގައި މައުރޯ އިކާޑީ އާއި ހެރޭރާގެ އިތުރުން ހަކީމީ މެންފަދަ ކުޅުންތެރިން ހިމަނާފައިވެއެވެ.
އިސްރޭލުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ލިލް އަށް މެޗުގެ 45 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒެކާއެވެ. ދެވަނަ ހާފްގައި ނަތީޖާ އެއްވަރުކުރަން ޕީއެސްޖީން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ލިލްގެ ގޯލްކީޕަރު ލިއޯ ޖާޑިމްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.
ފާއިތުވި 8 އަހަރު ވެސް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީން ކަމަށްވާއިރު، މިއީ ލިލް އިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.