Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފުވައްމުލަކު ކަރަންޓު މައްސަލަ ހައްލު ކުރުމަށް އައްޑޫއިން ޓްރާންސްފޯމަރެއް ގެންދަނީ

ފުވައްމުލައް ސިޓީ ކަރަންޓު މައްސަލަ ހައްލު ކުރުމަށްޓަކައި އައްޑޫ ސިޓީއިން ޓްރާންސްފޯމަރެއް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ފުވައްމުލަކު ބްރާންޗްގެ މެނޭޖަރ ޙުސައިން ޝާފީ އިބްރާހީމް ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެއްްވަމުން ޝާފީ ވިދާޅުވީ ފުވައްމުލައް ސިޓީއިން ފެނާއި ކަރަންޓް ކެނޑިގެން ކުރެވުނު މަސައްކަތުން ފެން މިހާރު ރައްޔިތުންނަށް ލިބޭގޮތް ހަދާފައިވާ ކަމަށެވެ. އަދި ބައިގަޑިއެއްހާ އިރުތެރޭގައި ވަގުތީ ގޮތުން ކަރަންޓު ދެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

ކަރަންޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އައްޑޫއިން ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިޔުމަށް މަސައްކަތް ފަށާފައިވާ ކަމަށް ޝާފީ ވަނީ ވިދާޅުވެފައެވެ. އަދި އެ ޓްރާންސްފޯމަރު އެކޮޅަށް ގެންދިޔުމަށް ލޯޑް ކުރެވިފައިވާ ކަމަށް ވެސް ޝާފީ ވަނީ ވިދާޅުވެފައެވެ.

ކުއްލިއަކަށް ކަރަންޓާއި ފެން ކެނޑުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މިކަމުގެ ސަބަބުން ދިމާވަމުން އަންނަ ދަތިތަކަށް ފެނަކަ އިން ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.