ޓޮޓެންހަމްގެ ޕްރެކްޓިސް އަށް އެޓީމުގެ އިތުބާރު ފޯވާޑް ހެރީ ކޭން ހާޒިރުނުވުމުން އޭނާ ޖޫރިމަނާ ކުރަން އެ ކްލަބުން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ލިބުނު ތިން ހަފްތާގެ ބްރޭކަށްފަހު ކޭން ޓޮޓެންހަމްގެ ޕްރެކްޓިސްގައި ބައިވެރިވާން ހަމަޖެހިފައި އޮތީ އިއްޔެ އެވެ. ނަމަވެސް ޕްރެކްޓިސް އަށް އޭނާ ހާޒިރުވެފައި ނުވާއިރު، ޓޮޓެންހަމް އިން މިކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ކޭން ޕްރެކްޓިސް އަށް ހާޒިރުވެފައި ނުވަނީ މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމް ދޫކޮށްލަން އޭނާ ބޭނުންވާތީ ކްލަބަށް ޕްރެޝަރު ކުރުމުގެ ގޮތުންނެވެ. ކޭން ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ޓޮޓެންހަމް އިން ނުގެންގުޅޭއިރު އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ މެންޗެސްޓަރ ސިޓީންނެވެ. ޓޮޓެންހަމް އާއެކު ކޭން ހަދާފައިވާ ކޮންޓްރެކްޓު ހަމަވާން ބާކީ އަދި ތިން އަހަރު އެބައޮތެވެ.
ކޭން ޕްރެކްޓިސް އަށް ހާޒިރުނުވުމުން އޭނާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ޓޮޓެންހަމް އިން ވިސްނަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަދަ ފިޔަވަޅެއް އަޅަން ޓޮޓެންހަމް އިން ވިސްނަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކޭން ޕްރެކްޓިސްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 28 އަހަރުގެ ކޭން ވަނީ 23 ގޯލާއެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ރަން ބޫޓު ހާސިލުކޮށްފައެވެ.